މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހިނގަމުންދާ ނުރައްކާތެރި ހާދިސާތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައާއި މެދު ބަހުސް ވެސް ކުރަން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިންމަވާ، އެމައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާއަށް ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ މާލެއަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައި ދިރިއުޅެމުންދާ ރަށަށް ވާއިރު، ކޮންސްޓްރަކްޝަން ކުންފުނިތަކުން އަޅަންޖެހޭ ސަލާމާތީ ފިޔަވަޅުތައް ނޭޅި ދިއުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގައި އެތަކެއް ބަޔަކަށް އަނިޔާވެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ މިއީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހިނދުން މިހިނދަށް ފިޔަވަޅު އަޅައި ކޮންމެ ގޮތަކުން ވެސް އަވަސް ހައްލެއް ގެންނަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ.

ނަމަވެސް، ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހިނގަމުންދާ ކަންކަމާއި މެދު ބަހުސް ކުރަން މަޖިލީހުގެ އެމްޑީޕީ މެންބަރުން ބޭނުންފުޅެއް ނުވިއެވެ. ޖާބިރު ހުށަހެޅުއްވި މައްސަލަ ބަލައި ނުގަންނަން 52 މެންބަރުން ވޯޓު ދެއްވުމުން ކުއްލި މައްސަލަ ވަނީ މަޖިލީހުން ބޭރުވެފައެވެ. އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ ހަ މެންބަރުންނެވެ.

ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހިނގި ހާދިސާތަކުގައި ތިން މީހަކު މަރުވެފައި ވެއެވެ. އަދި އެތައް ބަޔަކަށް އަނިޔާވެފައި ވެއެވެ. ނަމަވެސް މިފަދަ ހާދިސާތައް ހުއްޓުވަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަބޭ2019

    ގިނަހާދިސާތައް ހިނގާފަހުރީ އެބޭފުޅުންނާއި ގުޅުންއޮންނަފަރާތްތައްކަމަށްވާތީ އެކަންނުކުރަން އެބޭފުޅުންނިންމުމުން ސެލިއުޓްކުރަން

    20
  2. ޖ

    ކޮބާފެނިއްޖެއެއްނޫން އެމްޑީޕީގެ ގޮތް އަދިވެސް ރައްޔަތުން ހޭލަންނުވޭތަ މިމީހުންނަކީ އެއްގޮތަކައްވެސް ރަތްޔަތުންނައް ޓަކާކަންކުރާބައިގަޑެއްނޫން

    16
    1
  3. އަހްމަދު

    އެމްޑީޕީ މެމްބަރުނަށް ވަންޏާ ޖާބިރުވެސް މަޖިލީހުން ބޭރުކޮށްލާނެ.