މާލެއަށް މިއަދު ވިއްސާރަ އާއި އެކު ވައިގަދަވެ ގަހެއްގެ ގޮފިގަނޑެއް ވެއްޓި ސައިކަލެއްގައި ދިޔަ މީހެއްގެ ގައިގާ ޖެހުމުން އޭނާ އަނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ، ޣާޒީ ބިލްޑިންގްގެ ކުރިމަތިން އަމީރު އަހުމަދު މަގުގައެވެ.

ގޮފިގަނޑު ޖެހި އަނިޔާވީ، އެވަގުތު އެމަގުން ސައިކަލެއްގައި ދިޔަ މީހަކަށެވެ.

މަންޒަރުދުއް މީހުން ބުނާ ގޮތުގައި ގޮފިގަނޑުގެ ދަށުވެ ސައިކަލުގައި އިން މީހާ ވަނީ ސައިކަލާއި އެކު މަގުމައްޗަށް ވެއްޓިފައެވެ. އަނިޔާ ލިބުނު މީހާ މިހާރު ފުލުހުންގެ ވެހިލެއްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

މިއަދު ވެސް ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ކޮށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ. ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާ ކުރެވެއެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރަމުން އަންނަތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ.