ފުވައްމުލަކު ސިޓީގެ އުމްރާނީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް ހެދުމަށް އަމިއްލަ ކުންފުންޏަކާ ޙަވާލު ކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ އުމްރާނީ ތަރައްޤީގެ ޕްލޭން ހެދުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ ސީޑީއީ ކޮންސަލްޓިން އާއެކު މިކަމުގެ އެއްބްސް ވުމެއްގައި މިއަދު ސޮއި ކޮށްފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޟިރާރުއެވެ.

އަދި ސީޑީއީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑރ.ސިމާދު ސައީދެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގެ އުމްރާނީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް ހެދުމުގެ އިތުރުން މިހާރު ހަދާފައިވާ އެ ރަށުގެ ލޭންޑް ޔޫޒް ޕްލޭން އަލުން މުރާޖާ ކުރުމާއި ތްރީޑީ ވިޜުއަލައިޒް ކުރުންވެސް ހިމެނޭ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނީ ފުވައްމުލަކުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި އިލްމީ ތަޖުރިބާ ހުރި ބޭފުޅުންގެ އިތުރުން އާންމުންގެ ޚިޔާލާއި މަޝްވަރާގެ މަތިންނެވެ.