ތެލެސީމިއާ ކުއްޖެއްގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ފަރުވާ ދެމުން ދަނީ 18 އަހަރުގެ ކުއްޖަކަށެވެ. އޭނާ އަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

ތެލެސީމިއާ ކުއްޖަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަން ތެލެސީމިއާ ސެންޓަރުން ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ. ތެލެސީމިއާ ސެންޓަރުން ބުނީ ތެލެސީމިއާ ކުއްޖެއްގެ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް އެސެންޓަރުން ނުދެއެވެ.

އައިޖީއެމްއެޗްގެ ބަހެއް ނުލިބޭތީ އެކުއްޖާ އަށް ފަރުވާ ދެމުންދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

ބޯންމެރޯ ހެދުމަށް ފަހު ފަރުވާދެމުން އަންނަނިކޮށް ފަސް އަހަރުގެ ކުއްޖަކު ހޯމަ ދުވަހު ނިޔާވެފައި ވެއެވެ. ޑެންގީ ހުމަށް ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ ރޭ ނުވަ އަހަރުގެ ކުއްޖަކު ވެސް ނިޔާވިއެވެ. އަދި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު، ތެލެސީމިއާގެ ދެ ޒުވާނުން ވަނީ ނިޔާވެފައެވެ.

ރާއްޖެ އަކީ އާބާދީގެ ނިސްބަތުން ވެސް ތެލެސީމިއާ ބަލި ހުންނަ މީހުން އެންމެ ގިނަ އެއް ގައުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް ތެލެސީމިއާގެ ހަ ކުދިން ރާއްޖެ އިން ނިޔާވެއެވެ.

ޝީގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގައި ކުރެވޭ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެންޏަކީ ދެ ކެރިއަރުންގެ ދެމެދު ކުރެވޭ ކައިވެންޏެކެވެ. އަދި އުފަންވާ ކޮންމެ 120 ކުއްޖަކުން އެއް ކުއްޖަކީ ތެލެސީމިއާ ބަލި ހުންނަ ކުއްޖަކަށްވެ އެވެ. އެއީ ގާތްގަނޑަކަށް އެވްރެޖްކޮށް އަހަރަކު 26 ކުދިންނެވެ.

2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަކަށް އަމަލު ކުރަން ފެށިއެވެ. އެ ޤާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮންމެ ކުއްޖެއްގެ ވެސް ތެލެސީމިއާ ޓެސްޓް ކުރުމަކީ އެކުދިންގެ ބެލެނިވެރިންގެ މައްޗަށް މަޖުބޫރު ކަމެކެވެ.

ބްލަޑް ސާވިސްގައި ތެލެސީމިއާގެ 800 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓަރީ ވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބީ 635 މީހުންނެވެ.

ކުރީބައިގައި ތެލެސީމިއާ އަށް ޓެސްޓް ކުރުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އިރުޝާދު ދިން ނަމަވެސް އަދިވެސް ބައެއް މީހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޞީރާ

    ރާއްޖޭގެ ޞިއްޙީނިޒާމު ދޯހަޅިވެ ބަނގުރޫޓުވީވަރަކަށް މިފަދަ ހިތާމަވެރި ޙާދިޘާއަށް ހިނގާނެއެވެ. ހެލްތު މިނިސްޓަރުގެ ޓެގް މޭމަތީގައި ޖަހައިހެންހުރެ މޭ ފުއްޕާފަ ހިނގާއިރު އޭނަގެ ޖަވާބަކީ "އެއީ މަށާބެހޭ ކަމެއްނޫން" މި ޖަވާބެެވެ. ބާރަށް ކުރިއަރަމުންދިޔަ ދިވެހި ޤަވްމު އިނދަޖައްސައިލި ދިވެހިންނަށް ހަމަ ސާބަހެވެ. ބާރަށް އަތްޖަހާށެވެ.

    38
    4
  2. މާމިގިލީ މީހާ

    މާމިގިލީ ކުއްޖާ އެއީ. މިހާރު ކިތައްމެ ދުވަހެއްވެއްޖެ އައިސީޔޫގަ އޮންނަތާ.

    17
  3. ވިސްނަވާ!

    ހަބަރުގެ މައިގަނޑު މައުލޫމާތު ބިނާވެފައި ވަނީ ކޮން ކަމަކަށްތޯ؟
    ތިޔަފަދަ ހަބަރު ތަކުން އެކުދިންގެ ދިރި އުޅުމަށް ކުރާ އަސަރު އެގިލައްވާތޯ؟
    ދިރި ހުރުމަށް ޓަކާ ކުރަމުން އަންނަ ބުރަ މަސައްކަތަށް ތިޔަ ފަދަ ހަބަރުތަކުން އިތުރު ގޮންޖެހުމަކާ ކުރިމަތިވޭ! މި މުޖްތަމައުގެ މީހުންގެ ވިސްނުން ބަދަލުވެގެން ދޭ! މިފަދަ ކަންކަން ދިމާ ވަނީ ކީއްވެ ކަމާ، ރަނގަޅު ފަރުވާ ލިބެން ނެއްކަމާ، ރަނގަޅު ފަރުވާ ލިބިއްޖެނަމަ މިކުދިންވެސް އެހެން މީހުނެކޭ އެއްގޮތަށް އުޅެވޭނެކަން ހަބަރު ތަކުގަ ނުލިޔަނީ ކީއްވެތޯ! ގާނޫނުތަކާ ގަވައިދު ތަކެއްހެދިފައި ވިޔަސް މުޖުތަމައުގެ މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ނޫސްތަކުންވެސް މުހިންމު ދައުރެއް އަދާ ކުރެވިދާނެ.

    12
  4. އަޙުމަދު

    ސިއްޙަތާ ބެހޭ މިނިސްޓަރ އަންގަނީ އޭނާ ކުރަންޖެހޭ އެއްވެސް ކަމެއްނެތްކަން ނަތީޖާއަކަށްވީ ސިއްޙީދާއިރާ ހުލިވެގެންގޮސް މިހިނދުން މިހިނދަށްވެސް ފަރުވަދެވޭ ވަރުނެތްކަން . މިމީހުން ކުރީގެސަރުކާރޭ ކިޔައިގެން އަގަ ތަޅާކަށް ލަދެއް ނުގަނެއި