ދާ ޖަހައިގެން ދިވެހިން ވެސް މަސް ހިފަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ދިވެހި މަސްވެރިން ބާނާ މަސް ގަތުމުގެ ހުއްދަ މިހާރު ދީފައިވާ ހަތަރު ކުންފުޏާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކޮށް މަސްގަންނަ ބޭރުގެ ބޯޓް ފަހަރަށް މަސް ވިއްކޭނެ ގޮތްހަދާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު ހުށަހެޅުއްވި ޤަރާރަށް މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ އަޅުގަނޑުމެންގެ ރާއްޖޭގެ ތަނަވަސްކަން ދޫކޮށްލާ އެހެން ބަޔަކަށް އެ ތަނަވަސްކަން ދޭން ނުޖެހޭ ކަމަށެވެ.

"ރާއްޖޭގެ ތަނަވަސްކަން ދޫކޮށްލާ، އެހެން ބަޔަކަށް ތަނަވަސްކަން ލިބޭގޮތަށް ބޭރުގެ ލޭންއަޅާ ބޯޓުފަހަރުތައް މި ރާއްޖެ ވަށައިގެން ދާ ޖަހައިގެން މަސް ނަގަމުން އެ ދަނީ، އަޅުގަނޑުމެން ކީއްވެގެންތޯ ދާ ނުޖަހަންވީ؟ އެކަމަށް އެއްވެސް ރިސާޗެއް ހެދިފަ އޮތްތޯ؟ އެއް ބިލިއަން ޑޮލަރުގެ މަސް އެއްފަހަރާ ނަގާލަން. ސަޅިވާނެ ނޫންތޯ؟" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދިވެހި މަސްވެރިންގެ ގުދާރު ބިންދައިގެން ދިޔައީ ތިމާވެއްޓާއި ރައްޓެހި މަސްވެރިކަން ކުރަން އުޅުމުން ކަމަށެވެ.

މަސްވެރިޔާ ފަގީރު ކަމުގައި ބަހައްޓާފައި ވަނީ ވޯޓް ހޯދަން ފަސޭހައަކަށް ސަރުކާރުން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އަޅުގަނޑުމެން ފަގީރުކަމުގައި ތިބެގެން ނުވާނެ ކަމަށާއި ހުރިހާ ވަސީލަތެއް އެވަސީލަތްތައް ބޭނުން ކުރެވެން ހުރި އެންމެ މަތީ މިންވަރަކަށް ބޭނުން ކުރަން ޖެހޭ ކަމަށެވެ.

"މާތްﷲ ދެއްވާފައިވާ ރިޒްގު އެންމެ މަތީ މިންވަރުގައި ބޭނުން ކުރަން ޖެހޭ." ޖާބިރު ވިދާޅުވިއެވެ.

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު ހުށަހެޅުއްވި ގަރާރު ފާސްކުރަން މިއަދު މަޖިލީހުގައި ވޯޓް ނަގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓިނު

    ސާބަސް ޖާބިރު މުޅި މަޖްލީސް ޖާބިރަށް

    8
    1
  2. ޓްރޭސް

    ޖާބިރޫ ކިހިނެއްތަ ތިޔައުޅެނީ؟ ދާ ޖަހައިގެން މަސްހިފީމަ މަސްވެރިކަން ހަލާކު ވާނޭ!

    3
    6
    • ޖާބިރު

      ނުވާނެ ހަލާކެއް...މަގޭކައިރީ ދިޔާނާވެސް ބުނި ނުވާނޭ ހަލާކެއް...

  3. ހުސޭނުބޭ

    ބަލަގަ ދާޖެހީމާ އެންމެ ފުރަތަމަ ދަލުގައި ޖެހޭނީ ހޮނޑާފުއްޓަށް އަރާ ބޮޑެތި ވެލާތައް! ދަނދާންވޭތަ!