ރާއްޖޭގައި ލޮލަށް ދެމުން އަންނަ ފަރުވާ އިތުރަށް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތު އާއި ޗައިނާގެ ނެޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިން ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ރާއްޖޭގެ ފަރާތުން މި އެއްވަސްވުމުގައި ސޮއި ކޮށްފައިވަނީ މިނިސްޓަރު އަބްދުﷲ އަމީނެވެ. ޗައިނާގެ ފަރާތުން ސޮއި ކޮށްފައިވަނީ ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް އެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުގެ އެހީގައި ލޮލުގެ ފަރުވާދޭ ކްލިނިކް ގާއިމް ކުރާނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އެ ހިދުމަތް ދިނުމަށް ލޮލުގެ ބަލިތަކަށް ފަރުވާދިނުމަށް އާ ހިދުމަތްތައް ތައާރަފުކޮށް އާދައިގެ ސާޖަރީތަކުން ފެށިގެން ލޮލުގެ ހާއްސަ ސާޖަރީތައް ހެދޭ ފެންވަރަށް ތަރައްގީ ކުރާނެއެވެ.

ހުޅުމާލެ ހޮސޕިޓަލުގައި ލޮލުގެ ހާއްސަ ޑޮކްޓަރުން ފަރުވާދެއްވަން ހަމަޖެހިފައިވާއިރު ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަަމްރީނުތައް ޗައިނާގައި ފޮރުކޮށްދޭނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި 2015 ވަނަ އަހަރު އަދި 2017 ވަނަ އަހަރުވެސް ވަނީ ލޮލުގެ ޚާއްޞަ ކޭމްޕްތަކެއް ރާއްޖޭގައި ކުރިއަށްގެންގޮސްފައެވެ. މި ކޭމްޕްތަކުގައި ޖުމްލަ 1000 އަށް ވުރެގިނަ މީހުން ސްކްރީންކޮށް 186 މީހުންގެ ކެޓަރެކްޓް ސާޖަރީ ވަނީ ހަދާފައެވެ. އަދި 9.2 މިލިއަން ރުފިޔާގެ ލޮލުގެ ފަރުވާއާއި ގުޅޭ އާލާތްތައް ޗައިނާ ސަރުކާރުން ވަނީ ހަދިޔާކުރައްވާފައެވެ.

ރާއްޖޭގައި ލޮލުގެ ޚާއްސަ ފަރުވާދޭ މަރުކަޒެއް ޤާއިމް ކުރުމަކީ ސިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރާއި އެކު 2017 ގައި ސޮއި ކުރެވިފައިވާ އެއްބަސްވުމުވައި ފާހަގަ ކުރެވިފައިވާ މައިގަނޑު އެއް ދާއިރާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެޔޮޅު

    މިހާރު ޗައިނާތަ ރަނގަޅީ ހުރިހާކަމަކައްވެސް ކޮބާތަ އިންޑިއާ އެހެންތާކުން ކަމެއްކޮށެއް ނުދިނީއުތަ؟؟

  2. ކެޔޮޅު

    މިއީހަމަ އުނބައްބަހާ ސަރުކާރު ކޮޕީ ސަރުކާރު ނާގާބިލަ ސަރުކާރު ދިރާސާ ސަރުކާރު!!!

  3. ނަސީދު

    އޭރުން ދެންބޭރަކައް ބުރޯގެންދާކައްނުޖެހޭނުން