މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެރޭ ށ.ޅައިމަގު ކުރިމަގު ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރުގެ މައްސަލައިގެ ގަޒިއްޔާ ބާތިލުކޮށް، އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފައި ވަނީ މި މަހުގެ ކުރީކޮޅުއެވެ. މި މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން ބިދޭސީން ކުށަށް އިއުތިރާފްވުމަށް ފަހު އެކަމަށް ފަހުން ވަނީ އިންކާރު ކޮށްފައެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގައި މި ތިން މީހުންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ނިންމީ އެ ތިން މީހުން ވެސް ކުށަށް އިއުތިރާފްވެފައިވާތީ އިއުތިރާފްގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އިތުރު 30 ދުވަސްދީ، މިހާރު ކޯޓުގައި އޮތް އެ މައްސަލަ ބާތިލްކުރުމަށް ކޯޓުން ވަނީ ނިންމައިފައެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން އަދަބު ލުއިކޮށް ދިނުމަށް ޝަރުތުކޮށް، އިއުތިރާފްގެ އެއްބަސްވުމެއް ދައުލަތާއި ތުހުމަތު ކުރެވޭ މީހާއާ ދެމެދު ހެދިދާނެއެވެ. އެކަމަކު އިބްތިދާއީ އަޑުއެހުންތަކުގައި އެ އެއްބަސްވުމަށް ދައުވާލިބޭ މީހާ އިންކާރުކޮށްފި ނަމަ އަދި ތަހުގީގު ފުރިހަމަ ކުރަން އިތުރު ފުރުސަތު ދޭންޖެހޭ ނަމަ، އެ ފުރުސަތު ކޯޓުން ދޭން ޖެހޭނެއެވެ. އެގޮތަށް ފުރުސަތު ދިނުމުން އަލުން ތަހުގީގުކޮށް، އެ މައްސަލަ ކޯޓަށް ހުށަހެޅޭނެއެވެ.

ލުތުފަރު މަރާލާފައިވަނީ އޭނައާއެކު ކުރިމަގު ބޯޓުގައި މަސައްކަތް ކުރި މީހުންނާމެދު ގަދަކަމުން އެއްޖިންސުގެ ގުޅުހުން ހިންގަން އުޅުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.