އައްޑޫ ސިޓީ ލިންކް ރޯޑްގައި ބައިސްކަލަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އޭގެތެރެއިން އެކެއްގެ ބޮލަށް އަނިޔާވެފައި ވާއިރު ދެވަނަ މީހާގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.

ދެމީހުންނަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މިއެކްސިޑެންޓް ހިނގީ ޕޮލިސް ޓްރޭނިން ސްކޫލް އަޅަމުންދާ ސަރަހައްދު ކައިރިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫ ލިންކް ރޯޑްގައި ބައިސްކަލަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 09:50 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަން ފުލުހުން ވެސް ކަށަވަރުކޮށްދެއްވެވިއެވެ.

ނަމަވެސް ދެމީހުންގެ ހާލަތާއި ބެހޭ ތަފްސީލެއް އަދި ނުލިބެއެވެ.