އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން އޯޓިޒަމް ހުންނަ ކުދިންނަށް ހާއްސަ ހަރަކާތްތަކެއް މިމަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެއެސޯސިއޭޝަނުން ބުނެފިއެވެ.

މާދަމާ އަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ އޯޓިޒަމް އަށް ހޭލުންތެރި ކުރުމުގެ ދުވަހެވެ.

އޯޓިޒަމް އެސޯސިއޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝަމްސިއްޔާ އަލީ ވިދާޅުވީ މިމަހުގެ 27 އާއި ހަމައަށް އޯޓިޒަމް ކުދިންނާއި އެހެން ކުދިންވެސް ބައިވެރިވެވޭގޮތަށް ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށާއި މިއަހަރުގެ ޝިޔާރަކީ "އެމްޕަވަރިން ވުމެންސް އެންޑް ގާލް ވިތް އޯޓިޒަމް" ކަމަށެވެ.

ހަރަކާތްތައް ފެށުމުގެ ގޮތުން މިރޭ އެ އެސޯސިއޭޝަންގެ އިމާރާތް ނޫ ކުލައިން ދިއްލާލާނެ އެވެ. އަދި
މާދަމާ އެ ބިލްޑިންގައި އޯޓިޒަމް ހުންނަ ކުދިންނަށާއި އެކުދިންގެ ބެލެނިވެރިންގެ އިތުރުން ތެރަޕީ ނަގަމުންދާ ކުދިންނަށްވެސް ބައިވެރިވެވޭގޮތަށް ހެނދުނުގެ ނާސްތާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ނާސްތާ ސްޕޮންސަރ ކޮށްފައިވަނީ ސިންޕަނީ އިން ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުންޏެވެ.

އޭގެ އިތުރުން މާދަމާގެ އެސެމްބުލީ ގައި އޯޓިޒަމް ކުދިންނަށް ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިޔޯއެއް ދެކެވިގެންދާނެ ކަމަށް ޝަމްޝިއްޔާ ވިދާޅުވިއެވެ.

އެއަށްފަހު އެޕްރީލް 7 ވަނަދުވަހު، 10 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ޕޫލް ޕާޓީއެއް ކުރިއަށްދާނެ އެވެ. 14 އެޕްރީލް ވަނަ ދުވަހު ރަސްފަންނުގައި ހަވީރު 3 ން 6 ކަން ހުރިހާ ބޭފުޅުންނަށް ބައިވެރިވެވޭގޮތަށް ފެތުމުގެ ހަރަކާތެއް ކުރިއަށްދާނެ އެވެ. އަދި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން "އާމް ބޭންޑް" އެއް ގަތުމަށްފަހު ފެތުމުގެ ހަރަކާތުގައި ބައިވެރިވެވޭނެ އެވެ.

ހަރަކާތްތައް ނިންމާލުމުގެ ގޮތުން 27 ވަނަ ދުވަހު ރޭ ހުޅުމާލެ ސެންޓްރަލްޕާކް އިން ފެށިގެން ހިނގާލުމެއް ކުރިއަށްދާނެ އެވެ. އެ ހިނގާލުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 8 ޖަހާއިރު އެހިސާބަށް ދުރުވެ ކުޑަ އާއި ކެޕް ބަލައިގަތުމުން ބައިވެރިވެވޭނެ އެވެ. ރޭގަނޑު ކުރިއަށްގެންދާ މި ހިނގާލުމުގައި ބޭނުންކުރާ ތަކެއްޗަކީ ދިއްލޭ ތަކެތި ކަމަށް ޝަމްސިއްޔާ ވިދާޅުވިއެވެ.

ޝަމްސިއްޔާ ވިދާޅުވީ މާދަމާ އިން ފެށިގެން ރާއްޖެތެރޭގެ އެކި ރަށްރަށުގައި ބޭންޑް، ތަނޑި، ރިބަން އަދި ކެޕްގެ އިތުރުން ކުޑަ ވިއްކަން ހުންނާނެ ކަމަށެވެ. އެގޮތުން 5 ރުފިޔާއާއި 185 ރުފިޔާއާއި ދެމެދުގެ އަގުތަކުގައި ތަކެތި ލިބެން ހުންނާނެ ކަމަށާއި އަތޮޅުތެރޭގައި ހަރަކާތްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އެތަކެތި ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން މާދަމާ ހުރިހާ ބޭފުޅުންވެސް ނޫކުލައިގެ ހެދުމެއް ލުމަކީ އޯޓިޒަމް އެސޯސިއޭޝަންގެ ވަރަށް ބޮޑުއެދުމެއް ކަމަށް ޝަމްސިއްޔާ ވިދާޅުވިއެވެ.