މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަންނަމުން ދިޔަ ޓަގު ބޯޓެއްގެ މައްސަލާގައި އެ މަސައްކަތުގެ އަގަށްވާ ފައިސާ ދޫނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގީ ގާނޫނާ އެއްގޮތަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.

ޓަގު ބޯޓެއްގެ މައްސަލާގައި އޭސީސީން 2012 ވަނަ އަހަރު ވަނީ އެމްޕީއެލް އިން ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން އެ ކުންފުންޏަށް ބަންނަމުންދިޔަ އެ މަސައްކަތުގެ އަގަށްވާ ފައިސާގެ ތެރެއިން އެހާތަނަށް ނުދީ ހުރި ފައިސާ ދޫނުކޮށް، ހިފަހައްޓަން އެމްޕީއެލްއަށް އަންގައިފަ އެވެ. އެގޮތަށް އެންގީ އޭރު އޭސީސީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެންނެވެ.

ސެންޓަ އެންޓަ ޕްރައިސަސް އިން އޭސީސީއާ ދެކޮޅަށް ފުރަތަމަ ދައުވާ ކޮށްފައިވަނީ ލިބުނު ގެއްލުމުގެ ބަދަލުގައި 815 މިލިއަން ރުފިޔާ ހޯދުމަށެވެ. އޭގެ ފަހުން ގެއްލުމުގެ ބައި ދައުވާއިން އުނިކޮށް އޭސީސީއިން އަމަލުކޮށްފައިވާގޮތް ބަލައިދިނުމަށް އެދުމުން ސިވިލް ކޮޓުން ނިންމާފައި އޮތީ އެކަމުގައި އޭސީސީން ގާނޫނާ ޚިލާފްވިކަން ސާބިތުނުވާ ކަމަށެވެ.

ސެންޓަ އެންޓަ ޕްރައިސަސް އިން ހައި ކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައިވަނީ އޭސީސީއިން އެގޮތަށް އަންގާފައިވަނީ އޭރު ބަލަމުން ދިޔަ މައްސަލައަކާއި ގުޅިގެން ކަމަށާއި މައްސަލަ ތަހުގީގު ކުރުމަށްފަހު އެމްޕީއެލްގެ ބޯޑުން ނިންމާ އުސޫލެއްގެ މަތިން ފައިސާ ދޫކުރުމުގައި މައްސަލައެއް ނެތް ކަމަށް އޭސީސީން ފަހުން އެމްޕީއެލްއަށް އަންގާފައިވާ ކަމަށެވެ.

އެ ހުކުމުގައިވަނީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމަކީ އޭސީސީއަށް ގާނޫނުން ދީފައިވާ ބާރެއްކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އޭސީސީގެ އެންގުމަކީ އެ ބާރުގެ ބޭރުން އޭސީސީން އެންގި އެންގުމެއް ކަމަށް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އޭސީސީން އެގޮތަށް އެންގުމުގެ ކުރިން ވެސް އެއްބަސްވުމުގެ މައްސަލާގައި އެމްޕީއެލް އާއި ސެންޓަ އެންޓަ ޕްރައިސަސްއާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާކަން އެނގޭ ކަމަށާއި އެހެންވެ، އެ އެއްބަސްވުމަށް އަސަރުކުރީ އޭސީސީން އަމަލުކުރި ގޮތުން ކަމަށް ބެލެވެން ނެތް ކަމަށެވެ.

އެ ކަންކަން ފާހަގަކޮށް ރިޔާސަތު ބެލެހެއްޓި އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިއްތިފާގުން ހުކުމް ކޮށްފައިވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.

ޓަގު ބޯޓުގެ މައްސަލާގައި އެމްޕީއެލްއާއި ދެކޮޅަށްވެސް ވަނީ ދައުވާކޮށްފައެވެ. ބައެއް މައްސަލަތައް މިހާރުދަނީ ހިނގަމުންނެވެ.