ރަށްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުން ލިބޭފަދަ ކަންކަން ނުކުރުމަށް އެންވެރޮމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެދިއްޖެއެވެ.

އީޕީއޭ އިން ނެރިފައިވާ ނޫސް ބަޔާނެއްގައި ވަނީ ގާނޫނާއި ގަވާއިދާއި ހިލާފަށް ރަށްރަށުގައި ކުރާ ކަމަށް ފާހަގަކުރެވޭ ބައެއް ކަންކަން ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެނާއި އެހެނިހެން ފެން ގުޅޭނެހެން ކްރޮސް-ކަނެކްޝަން ހެދުމާއި، ރަށު ތެރޭގައި ފެން ބޮޑުވުމުން އެ ފެނާއި ދިޔަ ދޮވިތަކުން ފައިބާ ފެން ނަރުދަމާ ނިޒާމާއި ގުޅުމާއި، ފެން ބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް މޭން ހޯލްގެ މަތިގަނޑު ނެގުމާއި، ގޭގޭގައި ނުވަތަ އެހެނިހެން ތަންތަނުގައި ނަޖިސް ހިންދާ ވަޅުގަނޑު ބެހެއްޓުމާއި، ގޭގެ ގޯތި ތެރޭގައި ކެޗްޕިޓްގެ އިތުރުން އިތުރު ނަރުދާ ޖަންގްޝަނެއް ބަހައްޓާފައި ހުރުމެވެ.

އީޕީއޭ އިން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ފެނާއި ނަރުދަމާ ނިޒާމުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށާއި ހިންގާ ބެލެހެއްޓުމަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުމުގެ އިތުރުން ބިމުގެ ފެނަށް ނަޖިހުގެ އަސަރުކޮށް ބިމުގެ ފެން ތަގައްޔަރުވާ ކަމަށެވެ.

މީގެ އިތުރުންވެސް އީޕީއޭއިން ފާހަގަކޮށްފައިވަނީ ފެނުގެ ނިޒާމުގައި ކްރޮސް-ކަނެކްޝަން ހެދުމަކީ ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެން ތަގައްޔަރުވުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށެވެ.

އެފަދަ އަމަލުތަކަކީ އާންމު ބޭނުންތަކުގެ ޚިދުމަތާ ބެހޭ ޤާނޫނާއި ހިލާފު ކަންކަމުގައި ވާތީ އީޕީއޭއިން ވަނީ އެފަދަ އަމަލުތައް ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.