މާލިއްޔަތު ކޮމިޓީ އަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް މައްޗަށް ރައްޔިތުންގެ މަޖިލީހުން ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަޖިލީހުން ހުށަހެޅި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު ތަހުގީގަށް އަދި ޝަރީފް ހާޒިރެއް ނުކުރެއެވެ.

މާލިއްޔަތު ކޮމިޓީގައި މެމްބަރުން ޝަރީފާ ސުވާލުކުރުމުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލްގެ އިހުމާލާ ގުޅޭ ގޮތުން އޭނާ ބައެއް ވާހަކަތައް ވިދާޅުވީ ހަގީގަތް ފޮރުވަން އޮޅުވާލައިގެން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ފަހުން ބެލި ބެލުމުން އެކަން ސާފުވެފައިވާ ކަމަށް ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޝަރީފް ދޮގު ހެއްދެވި ކަމަށް ތުހުމަތު ކޮށްފައިވަނީ އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް ބީއެމްއެލުން އެސްއޯއެފަށް ޖަމާކޮށްދިން ކަމަށް ބުނާ މައްސަލައިގައެވެ. ނޮޓް ނެގޯޝިއަބްލް ޗެކްތަކެއް ބީއެމްއެލް އިން ޖަމާކޮށްދީފައިވާ ކަމަށް ތަހުގީގަށް ހެކި ލިބިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވައި ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ޝަރީފް، މަޖިލީހަށް މައުލޫމާތު ދެއްވީ އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ މުއާމަލާތްތަކާ ގުޅިގެން ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށެވެ. އަދި އޭނާގެ އެއްވެސް ވާހަކައެއްގައި ހަގީގަތް އޮޅުވާލާފައި ނުވާނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސްމާރޓް

    ބެންކް ތެރެއިން ބަޔަކު ރާވައިގެން ޝަރީފް ބޭރުކުރަންވެގެން ހިންގާބޮޑުޖަރީމާއެއްތިއީ ޝަރީއްކީ ވތެދުވެރިމީހެއް

    15
  2. ގަންޖާ

    ގަންޖާބޯ ބުނާ ކޮންމެ ކަމެއް މިހާރު ކުރާނެ.

    12
  3. ދޮގެއް؟

    ވަޒީރު މަޖިލިހުގަ ދޮގު ހެދި ކަމަށް ހުރިހާ ޕޮލިސް ކޮމިޝަނަރުން ހެކިދޭއިރު ކެރޭނެތަ ތަހުގީގު ކުރަން. އަނިޔާވެރި ނުބައި ނުލަފާ ވަގުންނަށް ވެރިކަން ދިން މީހުން މިހާރު ތިބޭނެ ސަހަނރޯ ހީވެފަ.

    14
  4. މޫސަ

    މިކަމުގެހަގީގައްބަލާދިނުމައް އުމަރުނަސީރުއައް އިލްތިމާސްކުރަން