މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ނިންމުމަށްފަހު ރަން މެޑަލްތަކާއެކު ދިވެހި އެތްލީޓުން މާދަމާ ރާއްޖެ އަންނާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އައިއޯއައިޖީގައި ރާއްޖެ އިން 15 މެޑަލް ހޯދާފައިވާއިރު އެ 15 މެޑަލްގެ ތެރޭގައި ހަތަރު ރަން މެޑަލް ހިމެނެއެވެ. އޭގެ ތެރެއިން 3 ރަން މެޑަލަކީ ޓޭބަލް ޓެނިސް އިން ހޯދާފައިވާ މެޑަލެވެ.

އަދި އަނެއް ރަންމެޑަލަކީ ބެޑްމިންޓަން އަންހެން ސިންގަލްސް އިވެންޓުން ނަބީހާ އަބްދުލް ރައްޒާގް ހޯދާފައިވާ މެޑަލެކެވެ.

މޮރީޝަސްގައި ހުންނަވައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރ މަހުލޫފް ވިދާޅުވީ އެތްލީޓުނަށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު ވަޑައިގަތުމަށް އޭނާ ގޮވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ ހަމައެކަނި ފުޓްބޯޅައަށް ހަރަދުކުރުމުގެ ބަދަލުގައި ތަފާތު އެކި ކުޅިވަރުތައް ތަރައްގީ ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ބަލާއިރު މި ސަރުކާރު އައިފަހުން ވެސް ވަކިން އެސޯސިއޭޝަނަކަށް ހަރަދުކޮށްފައި ހުރިވަރު ބަލައިފިނަމަ ފުޓްބޯޅަ އަށްވުރެ ބެޑްމިންޓަން އަދި ޓޭބަލް ޓެނިސް އަށް ހަރަދުކޮށްފައި ހުރިވަރު ބޮޑުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.