ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް އެކޯޓުން އަމުރު ކޮށްފިއެވެ.

ބީއެމްއެލް އިން ކޯޓުގައި އެދިފައިވަނީ ކޮމިޝަނުން އެދޭ މައުލޫމާތު ނުދޭ މުއައްޒަފުންނާއި މެދު ފިޔަވަޅު ނޭޅުމަށް އަމުރެއް ނެރެދިނުމަށާއި ކޯޓު އަމުރެއް ނެތި ގާނޫނީ ގޮތުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް ސިވިލް ކޯޓުން މިއަދު ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ.

ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގައި ބީއެމްއެލުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ހައިކޯޓުގެ އެ ހުކުމާއެކު ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން އަމަލުކުރަންޖެހޭ ކަމަށް ބޭންކަށް ގަބޫލުކުރެވޭ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު ފަރަގު އުފެދިފައިވާ ކަމަށް ބޭންކުން ބުނެއެވެ.

މީގެ ކުރިން ތަހުގީގު އިދާރާތަކަށް ބީއެމްއެލްއިން އެއްބާރުލުން ދިން ނަމަވެސް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ބީއެމްއެލުން ވަނީ ތަހުގީގީ އިދާރާތަކުން ބޭނުންވާ މައުލޫމާތު ދެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ނިންމާފައެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދެއްވި މައްސަލައިގެ ތަހްގީގު ފުލުހުން ވަނީ ފަށާފައެވެ.