ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި އޭނާ ހޯދުމަށް ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ސިވިލް ކޯޓުން ކޮށްފައިވާ މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، އަރާއިރު، ޝާހިދު ރަޝީދު (43އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޝާހިދު ރަޝީދު ހޯދަމުންދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ޖުލައި 31 ވަނަ ދުވަހު 11:15 އަށް ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ވީމާ ޝާހިދު ރަޝީދުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ،

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.