ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ގުޅިގެން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ "ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް" (ޖީ.ވައި.ޕީ.އޭ) ޓްރެއިނިންގ ޕްރޮގްރާމުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި، އޮގަސްޓް މަހުގެ 28 އިން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ހޮޓެލް ޖެންގައެވެ.

މިރަސްމިޔާތުގައި ޖުމުލަ 14 ޕާޓަރުންނާއި އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ޔޫތް މިނިސްޓްރީއާއި , އޮފިޝިއަލް މީޑިއާ ޕާޓަނަރ އެއްގެ ގޮތުގައި ޕީއެސްއެމް , އޮންލައިން މީޑިއާ ޕާޓަނަރ އެއްގެ ގޮތުގައި ވަން އޮންލައިން , އެމެޖެންސީ މެޑިކަލް ޕާޓްނަރ އެއްގެ ގޮތުގައި އޭޑީކޭ , ކޭޓަރިން ޕާޓްނަރ އެއްގެ ގޮތުގައި ބުރުޒު ކޭޓަރިން, ވީއައިޕީ ހޮޓެލް ޕާޓްނަރ އެއްގެ ގޮތުގައި ހޮޓެލް ޖެން , އެންޑޯސްމެންޓް ޕާޓްނަރުންގެ ގޮތުގައި , މޯލްޑިވިސް ޕޮލިސް ސާވީސް , އެމްއޭސިއެލް ހިމެނެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ރަފީ ޖަމިއްޔާގެ ރައީސާ ޑރ އައިޝަތު ރައްފިއްޔާ ވިދާޅުވީ މި ހަރަކާތަށް ސްޕޮންސަރުންނާއި ޕާޓުނަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ މިފަދަ ހަރަކާތެއް ބޭއްވުމަށް ރަފީ ޖަމިއްޔާ އަށް ކުރެއްވި އިތުބާރު ބަލައިގަންނަ ކަމަށެވެ.

ރަފީ ޖަމިއްޔާއިން މައުލޫމާތުދިން ގޮތުގައި، "ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ދުވަހުން ފެށިގެން އެހަރަކާތަށް ދަނީ ގިނަ އަދަދެއްގެ ޒުވާނުން ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގްލޯބަލް ސްކޭލްއެއްގައި ޕީސްއަށްޓަކައި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވޭ މިއިވެންޓުން ޖުމްލަ 25 ގައުމު ހިމެނޭގޮތަށް 150 ބައިވެރިން ތަމްރީނުވެގެންދާނެ ކަމުގައި ރަފީއިން މައުލޫމާތު ދެއްވައެވެ.

މިޕްރޮގްރާމުގެ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިޔަށްދާއިރު، މިހާރު ކުރިޔަށްދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވި، މިހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައިއެ ފަރާތްތަކާއި އެކު އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތެވެ.

އެގޮތުން މިހާތަނަށް ބައިއަތު ހިފާފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް، ވަން ވަރލްޑް، މޯލްޑިވްސް ޕޮލިސް ސަރވިސް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ހިމެނެއެވެ.

މީގެ އިތުރުންވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކުގެ ބައިވެރިވުން ފެނިގެންދާނެ ކަމަށް ރަފީއިން މައުލޫމާތު ދެއްވައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި، އޮގަސްޓް މަހުގެ 28 އިން ސެޕްޓެންބަރ 1 ކަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމުގެ ތެރެއިން ކުރީގެ ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.