ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހިންގަމުން އަންނަ ކެފޭ ތަކަށް ނުވަދެވޭނެހެން ޓޭޕް ދަމާފައި ބަންދުކޮށްފިއެވެ.

އެޗްޑީސީ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ބީޗް ސަރަހައްދުގައި ކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި މިއަދު 15:00 ކުރިން ނުނަގައިފިނަމަ އެތަކެތި އެޗްޑީސީން ނަގާނެކަމަށެވެ. އަދި އެކަން ކުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެކަމަށްވެސް ވަނީ އިއުލާނުގައި ބުނެފައެވެ.

އެޗްޑީސީގެ ފަރާތުން މިގޮތަށް އަމަލުކޮށްފައި ވަނީ ހުޅުމާލޭ ފޭސް ދޭކަށް ހޮޅިތައް އެޅުމަށް ކަމަށްބުނެއެވެ. އެ ކެފޭތައް މިއަދަށް ހުސްކުރުމަށް މީގެ ކުރިން ވަނީ ނޯޓިސް ދީފައެވެ.

ކެފޭތައް ހިންގާ ފަރާތްތަކުން ވަނީ އުސޫލެއްގެ ދަށުން އެފަރާތްތަކަށް ހުއްދަ ދިނުމަށް ތަކުރާރުކޮށް އެދިފައެވެ. ނަމަވެސް މިކަމާއި ގުޅިގެން އެޗްޑީސީން އެކަށީގެންވާ ޖަވާބެއް ނުލިބޭކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.