ށ. ފަރުކޮޅުގައި އެއާޕޯޓެއް ހެދުމަށް ހަވާލު ކުރުމަށް ފަހު އެކަމުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.

ސަރުކާރުން ފަރުކޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 25 ޖޫން 2013 ގައެވެ.

އެ އެއްބަސްވުމާ އެކު ގއ. އިންނަހެރާ އާއި އެރަށާ ގުޅިފައިވާ މެދަރެހާ އާއި މައްތުހެރާގެ އިތުރުން މެދުބުރިޔާ އަދި މާފެހެލާގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި 50 އަހަރަށް އެ ކުންފުންޏަށް ދިނުމަށް ވެސް ސަރުކާރުން އޮތީ ވަކި އެއްބަސްވުމެއް ހަދައިފައެވެ.

އެހެން ނަމަވެސް 2014 ވަނަ އަހަރު ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ އެ ރަށުގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައިވާތީއެވެ.

އަދި އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދިޔުމަކީ، ގާނޫނު އަސާސީއާ ހިލާފު ކަމަކަށް ވާނެތީއެވެ.

އެމައްސަލަ އަރާމް ޓްރެވަލްސް އިން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން 2016 ގައި ހުކުމް ކޮށްފައި އޮތީ އެއްބަސްވުން ބާތިލްކުރީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

އެމައްސަލަ އެ ކުންފުނިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް މިދިޔަ ހޯމަ ދުވަހު ނިިންމީ ދަށު ކޯޓުގެ އެ ނިންމުން ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ މަޝްރޫއެއްގެ ސަބަބުން ގަބޫލު ނުކުރެވޭ ފަދަ އަދި އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ތިމާވެއްޓަށް ކޮށްފާނެކަމަށް މިނިސްޓްރީ އަށް ފާހަގަ ކުރެވިއްޖެ ނަމަ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށް ނުވަތަ އެ މަޝްރޫއުގެ ބައިތަކަށް ބަދަލު ގެނެސްގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އެންގިދާނެކަން އެނގެން އޮންނަ ކަމަށެވެ.

އަދި އެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުގެ ފަރާތުން ނިންމާފައި ވަނީ ކުރިން ހީކުރެވިފައިނުވާ ހާލަތެއް މެދުވެރިވެގެން ކަމާއި އަދި އެ ހާލަތެއް މެދުވެރިވެފައި ވަނީ ސަރުކާރުގެ އިހުމާލުން ނުވަތަ ކުރި ކުށުގެ އަމަލެއްގެ ސަބަބުން ނޫންކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން އެއާޕޯޓް ހެދުމުގެ އެއްބަސްވުމާ އެކު، އަރާމް ޓްރެވަލްސް އަށް ރިސޯޓް ހެދުމަށް ރަށްތަކެއް ދޫކުރަން ސަރުކާރުން ވަކި އެއްބަސްވުމެއް ހަދާފައި އޮތަސް، އެ ރަށްތައް ދޭން އެއްބަސްވީ އެއާޕޯޓް ހެދުމުގެ މުގާބިލެއްގެ ގޮތުގައި ކަމަށް އެ ހުކުމުގައިވެއެވެ.

އެކަންކަން ފާހަގަކޮށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވަނީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.