މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން ބަންދާއި މެދު ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

ސިނާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް އެންމެފަހުން ޖަހާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.

ސިނާން މިއަދު ކޯޓަށް ހާޒިރު ކުރީ މެންދުރު 13:30 ހާއިރުއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން ހައްޔަރުކުރިއިރު އޭނާގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފައެވެ. މި ދައުވާ ސިނާންގެ މައްޗަށް އުފުލާފައިވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ.

ކުއްލި ނުރައްކަލުގެ ދަށުން ސިނާންގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވަނީ ހައްޔަރުކޮށްފައެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.