ދިވެހިރާއްޖެއާއި ޒެމްބިއާއާއި ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމްކޮށްފިއެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ އަލީ ނަސީރެވެ. ޒެމްބިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެގައުމުން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ލަޒަރަސް ކަޕާމްބްވީ އެވެ.

އިގްތިސާދީ ކުރިއެރުންތަކަށް ބަލައި ވަރލްޑް ބޭންކުންވަނީ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރޭގައި ޒެމްބިއާ ހިމަނާފައެވެ.

ޒެމްބިއާއަކީ 11.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. ދިވެހި ރާއްޖެއަށް ވުރެ އަހަރެއްހާ ދުވަސްކުރިން 1964 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މިނިވަންކަން ލިބުނު ޒެމްބިއާއަކީ އިނގިރޭސިންގެ އިސްތިއުމާރުގައި އޮތް ގައުމެކެވެ.

ގިނަ ގައުމުތަކާއި ގުޅުން ގާއިމު ކުރަމުންދާ ރާއްޖެއިން 2017 ވަނަ އަހަރު ވަނީ މިޔަންމާގެ ރަކީން ސްޓޭޓްގައި މުސްލިމުންނާއި ދެކޮޅަށް ހިންގި ނަސްލު ނެތިކޮށްލުމުގެ އުދުވާނާއި ގުޅިގެން އެ ގައުމާއިއެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލާފައެވެ.