ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ވަކީލުންނާ ބައްދަލު ކުރުމަށް ދެވޭ ވަގުތުތައް އެއް ގަޑިއިރަށް އިތުރުކޮށްފި އެވެ.

ކުރި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ވަކީލުންނާއި ބައްދަލު ކުރެވޭ ވަގުތު ބައިގަޑިއިރަށް ކުޑަ ކުރުމަށްފަހު އެ ވަގުތު އަނެއްކާވެސް އެއްގަޑިއިރަށް ބަދަލު ހުރިކަން ހާމަ ކޮށްފައި ވަނީ ވަކީލުންގެ ބައްދަލުވުންތަކާ ގުޅޭ ގޮތުން ފުލުހުން މިއަދު ނެރުނު އެންގުމެއްގައެވެ.

އެ އެންގުމުގައި ބުނެފައި ވަނީ ބަންދުގައި ތިބި މީހުންނަށް ވަކީލުންނާއި ބައްދަލު ކުރެވޭނީ އެ ބައްދަލުވުން ފެށޭ ވަގުތުން ފެށިގެން އެއް ގަޑިއިރަށް ކަމަށާއި، ނަމަވެސް ގިނަ މައްސަލަތަކެއްގައި އެ މީހެއްގެ މައްޗައް ތަހުގީގެއް ހިނގަމުންދާނަމަ ކޮންމެ މައްސަލައަކަށް އިތުރު ވަގުތު ދެވޭނެ ކަމަށެވެ. އެގޮތުން ބަންދުގައި ހުރި މީހާގެ މައްޗައް ތަހުގީގު ހިންގާ ހުރިހާ މައްސަލައެއްގައި އެއް ވަކީލަކު އައްޔަންކޮށްފައިވާ ނަމަ، އެއް ގަޑިއިރުގެ އިތުރުން ކޮންމެ މައްސަލައަކަށް އިތުރު 30 މިނެޓު ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެެފައެވެ. އަދި ކޮންމެ މައްސަލައަކަށް ތަފާތު ވަކީލުން އައްޔަންކޮށްފައިވާ ނަމަ ކޮންމެ މައްސަލައަކަށް އެއް ގަޑިއިރު ދެވޭނެ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.

ބަންދުގައި ތިބި މީހުންނާ ބައްދަލުވުންތައް ހަމަޖައްސައިދޭނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން އިރުއޮއްސި 6:00 އަކާ ހަމައަށް ކަމަށެވެ. އެ އެންގުމުގައި ވާގޮތުން އެ ދެ ދުވަހު ބައްދަލުވެވޭނީ ބަންދުގައި ހުރި މީހާއާ ގުޅޭ އެއްވެސް އަޑުއެހުމެއް ހުކުރު ނުވަތަ ހޮނިހިރެއްގައި ނޫނީ ޖެހިގެން އަންނަ ދުވަހެއްގައި އޮވެއްޖެ ނަމަ، ބަދަލުކުރަން ޖެހޭ ކަމަށް ކަސްޓަޑީއަކާ ހަވާލުވެ ހުންނަ އިންޖާޖަކަށް ފެނިއްޖެ ހާލަތެއްގައި އެކަންޏެވެ.

އަދި ޖަލުގެ ސެކިއުރިޓީއަށް ބުރޫ އަރާފަދަ ކަންކަމާއި ޖަލުގެ ނިޒާމަށް ބުރޫއަރާ ފަދަ އަމަލެއް ވަކީލެއްގެ ފަރާތުން ހިންގައިފި ނަމަ ނުވަތަ ތަހުގީގަށް ދަތި ކުރުމުގެ އަމަލެއް ވަކީލު ކޮށްފި ނަމަ ޖަލުތަކުގެ މުއާމަލާތްތައް ހިނގާ ސަރަހައްދަށް އެ ވަކީލަކަށް ނުވަދެވޭ ގޮތަށް ވަކި މުއްދަތަކަށް އެމީހަކު ސަސްޕެންޑު ކުރުމުގެ އިހުތިޔާރު ފުުލުހުންނަށް ލިބިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ބަންދުގައި ހުރި މީހާއަށް ކޯޓުގައި ހިނގާ ގަޒިއްޔާއަކާ ގުޅިގެން ވަކީލާ ބައްދަލު ކުރުމުގެ ފުރުސަތު ދޭނީ އެ ގަޒިއްޔާ ހިނގާ ކަމުގެ ލިޔުން ހުށަހެޅުމުން ކަމަށް ވެސް އެ އެނގުމުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު