ރިސޯޓް ހަދަން ސަރުކާރުން ކަޅުފަހަލަފުށި ކުރިން ދޫކުރި އޭޝިއާ ރިސޯޓްސްގެ މައްޗަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 22 މިލިއަން ޑޮލަރު (345 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިދިޔަ ބުދަދުވަހު އެ ހުކުމް ކުރީ 2009 އިން ފެށިގެން ފެބްރުއަރީ، 2015 ގައި އެރަށުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރުމާ ހަމައަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ.

އަދި 22 މިލިއަން ޑޮލަރު (345 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ތިން މަސް ތެރޭގައި ދައުލަތަށް ދައްކައި ނިންމުމަށްވެސް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ކަޅުފަހަލަފުށީގައި ރިސޯޓެއް ހެދުމަށް އޭޝިއާ ރިސޯޓްސްއަށް ސަރުކާރުން ދިނީ މެއި، 2005 ގަ އެވެ. އެކަމަކު 2015 ގައި ސަރުކާރުން ވަނީ އެރަށުގެ އެއްބަސްވުން ބާތިލްކޮށް، އެރަށް ތަރައްގީކުރަން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ އިންޖިނިއަރިން އެންޑް މެޝިނަރީ ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފަ އެވެ.

އެގޮތުން ކޯޓުގެ ހުކުމުގައިވަނީ އެރަށުގެ އެއްބަސްވުން ބާތިލް ކުރުމާ ހަމައަށް ކުލީގެ ގޮތުގައި 11 މިލިއަން ޑޮލަރު ނުދައްކާ ހުރި ކަމަށާއި އަދި ކުލި ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ އިތުރު 11 މިލިއަން ޑޮލަރާ އެކު، ޖުމްލަ 22 މިލިއަން ޑޮލަރު އޭޝިއާ ރިސޯޓްސް އިން ދައުލަތަށް ދައްކަން ޖެހޭ ކަން ސާބިތުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖްވާ

    މި އޮތް ބޮޑު ރަށް ސަންލޭންޑް މީހުން ހިއްސާ އޮންނަ ކުންފުންޏަކުން ނަގައިގެން ޑިވެލޮޕް ނުކޮށް އެހެން ކަންކަން ކުރަމުން ދިޔައީ!