ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އެ ޤައުމަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސީޝެލްސް އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ސީޝެލްސް ސަރުކާރުގެ ބައެއް ވަޒީރުންނާއި ޢިއްޒަތްތެރިން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުން ތަކުގައި ސޮއިކުރެއްވުމާއި، ދެޤައުމުގެ ދެމެދުގައި މަތީފެންވަރުގެ މަޝްވަރާތައް ބޭއްވެވުމާއި ދެ ޤައުމުގެ ރައީސުންގެ ގުޅިފައިވާ ބަޔާނެއް މީޑިޔާއަށް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ އަދި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ވަފުދުގެ ޝަރަފުގައި ސީޝެލްސްގެ ރައީސް ދެއްވާ ރަސްމީ މެންދުރުގެ ފަރިއްކޮޅެއްވެސް އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސީޝެލްސްގެ މަޝްހޫރު ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޯ

    ފިލަން ގެއެއް ބައްލަވައިގަންނަން ދޯ

    10
    1
  2. ޝާހް، ރ.ވާދޫ

    ލަކެއަށް ނުދެވިއޮތް ހުރިހާ ގައުމެއް 5 ފަސްއަހަރުތެރޭ ހަމަކޮށްލަންވާނެ.. ރައްޔިތުންގެ ފައިސާ ކަލޭގެ ދަތުރުތަކަށް ތަޅާބުރުވާފަ ބަހައްޓާ.. އެހެންމީހަކު ކުރާކަމެއްނަމަ ކަލޭމެން ހީވާނީ ދެފަޔަށް ހިނިއަރައިގެން ތެޅޭހެން

    6
    1
  3. އައިގޯ

    އިންޑިއާއިން އާސަންދަ ލިބުމުގައި ދިމާވި ދަތިތައް ހައްލުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މީ...