ކޯޓު އަމުރެއްގެ ދަށުން ވިލިމާލެއިން ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ވިލިމާލޭގައި މިހާރު ފުލުހުން ހިންގަމުންދާ، ގްރޫޕް ހަދައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ހިންގާ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ

ފުލުހުން ވިދާޅުވީ, މި މީހުން ހައްޔަރުކޮށްފައި ވަނީ ވިލިމާލޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގައި އާންމު މަސްލަޙަތު ނަގާލައި، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބަޔަކު އަމަލު ކުރަމުންދާ ކަމުގެ ތުހުމަތުގައި ޖުލައި 31 ވަނަ ދުވަހުގެ ރޭ 00:10 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ތިން ފިރިހެނުންނާއި 21 އަހަރުގެ ދެ ފިިރިހެނުންގެ އިތުރުން 22 އަހަރުގެ ދެ ފިރިހެނުންނެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނަކީ ކުށް މަދު އަމާންތަނަކަށް ވިލިމާލެ ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވިލިމާލެ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސާއި ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ގްރޫޕް ހަދައިގެން އާއްމުކޮށް އެއްވާ ތަންތަން ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓައި އެފަދަ ތަންތަން ބަލައި ފާސް ކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވި އެވެ.