ޒުވާނުންނަށް ޚާއްސަ ކޮށްގެން އިސްލާމް ދީނާއި ސުލްޙަވެރިކަމާ ބެހޭ ފޯރަމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް އައިޔޫއެމުން ވިދާޅުވެއްޖެ އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން ހަވީރު 5:00 އަށް ކަމަށް އިސްލާމީ ޔުނިވަރސިޓީން މައުލޫމާތު ދެއްވިއެވެ.

އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެއް ދުވަހުގެ މި ފޯރަމްގައި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި މުހިންމު މައުލޫމާތު ތަކެއް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވަރސިޓީން މައުލޫމާތު ދެއްވައެވެ.

އިސްލާމީ ޔުނިވަރސިޓީން ވިދާޅުވީ މި ފޯރަމްގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އަބްދުލް ހައްގު ބޭކާ (އެންތޮނީ) ގެ އިތުރުން ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.

މީގެ އިތުރުން ި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންގެ ފަރާތުން ޚާއްސަ ސެޝަންތަކެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީން ވިދާޅުވީ މާދަމާ އެ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރުވުމަށް ބޭނުންވާ ޒުވާނުންނަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އޮންލައިންކޮށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން (https://bit.ly/2MwEWRD) މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އިތުރު މައުލޫމާތު އިސްލާމީ ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ ޔުނިވަރސިޓީން މައުލޫމާތު ދެއްވައެވެ.