އިންޑިއާ ހޮސްޕިޓަލް ތަކުން ދިވެހިންނަށް ދެމުން ގެންދާ އާސަންދަ ހިދުމަތް މެދުކެނޑިފައި އޮތުމަށްފަޖު އަލުން އެ ހިދުމަތް ދޭން ފަށައިފިއެވެ.

އާސަންދަ އޮފީހުން މީގެ ކުޑަ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިންޑިއާގެ ޓްރިވިންޑްރަމް އަދި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުގައި އާސަންދަ ހިދުމަތް ލިބުމުގައި ދިމާވި މައްސަލަތައް ހައްލު ކުރަމުންދާ ކަމަށެވެ.

އަދި ބޭސްފަރުވާއަށް އިންޑިއާގައި ތިއްބެވި ފަރާތްތަކަށް ދިމާޗާ ދަތިތަކަށް މައާފައަށް އެދޭ ކަމަށާއި، ހިދުމަތުގެ ދަތިތައް ދިމާވާ ފަރާތްތަކުން 24 ގަޑިއިރު ހުޅުވިފައި ހުންނަ އާސަންދަ ކޯލް ސެންޓަރ 1400 ނަމްބަރާ ގުޅުއްވުމަށް އެދޭ ކަމަށް އާސަންދަ އޮފީހުން ބުނެއެވެ.

އާސަންދަ އޮފީހުން ބުނީ، އިންޑިއާގެ ޓްރިވިންޑްރަމް އަދި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުގައި ހިދުމަތް ފޯރުކޮށްދެނީ ތާޑް-ޕާޓީ އެޑްމިނިސްޓްރޭޓަރއެއް މެދުވެރިކޮށް ކަމަށެވެ.

މި މިދިޔަ ދުވަސްތަކަކުގައި އިންޑިއާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް އާސަންދަ ލިބުމުގައި ބުރީ އެރީ ޖުލައި 29 ވަނަ ދުވަހު ތާޑް-ޕާޓީ އެޑްމިނިސްޓްރޭޓަރ އިން އިތުރު އިޝާރާތެއް ނެތި ހިދުމަތް އިތުރަށް ކުރިއަށްނުގެންދާނެ ވާހަކަ ހޮސްޕިޓަލްތަކަށް އަންގާފައިވާތީ ކަމަށް އާސަންދަ އޮފީހުގެ ބަޔާނުގައި ވެއެވެ.

އާސަންދަ އޮފީހުން ބުނީ، ހިދުމަތް ލިބުމުގައި ދަތިތައް ދިމާވި ހޮސްޕިޓަލްތަކުގެ ތެރެއިން، ޓްރިވިންޑްރަމްގައި ހުންނަ އާނާންތަޕޫރީ، ޗައިތަންޔާ، އާރްސީސީ އަދި ކިމްސް ހޮސްޕިޓަލްގެ އިތުރުން، ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލުން އާސަންދަ ހިދުމަތް މިހާރު ލިބިގެން ދާނެ ކަމަށެވެ.

"ބޭރުގެ ހޮސްޕިޓަލްތަކުގައި އާސަންދައިގެ ހިދުމަތް ދިނުމުގައި، އިދާރީ ގުޅުންތައް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ"، އާސަންދަ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދދދދދދ

    "ރައްޔިތުންނަށް އެންގާ އާންމުކޮށްގެން އެކަންކޮށްފިއްޔާ ދިވެހިން ރަތަށް އަރާފާނެތީ ވަގަށް އެކަން ނިންމާލައިގެން މިތިބެނީ. މިހާރު ފަޅާއެރީމަ މާދަމާ ބަޔާނެއް ނެރެލާނެ މޮޅުވާހަކައެއް ދައްކާފަ. ނޫނި ކުރިން އޮތްގޮތް ހެދީމަ ކަމެއްކުރިކަން މީހުނަކަށް ނޭންގޭނެ. ސަޅި" މީ އާސަންދަ ކަނޑާލި ވާހަކަ ލިޔެފަ އޮތް ޚަބަރަށް ޝާހް، ރ.ވާދޫ މިނަމުގަ ކޮށްްފަ އޮތް ކޮމެންޓެއް.

  2. ބުރޯ

    އެ ފަރާތްތަކަށް ލިބެންވާ ފައިސާ ނުދޭނަމަ ބޭސް ނުކޮށްދޭނެ . މަދަނަ އަށް ވީވެސް ފައިސާ ނުލިބިގެން ހުއްޓާލީމަ ނަންބަދަލުކޮށް އާސަންދަ ކިޔާ އެލައިޑް އިންސޫރަންސްއާއެކު އެއްބަސް ވުމެއްހެދީ ތާޑްޕާޓީ އަކީ އެލައިޑުން ހޯދައިގެން އުޅޭ ފަރާތަކަށް ވެދާނެ. ދަވްލަތުން ފައިސާނުލިބިގެން އެލައިޑު ބަގުރޫޓް ވާހިސާބަށް ގޮއްސިނަމަ ޖެހޭނީ ހުއްޓާލަން.