ސިންގަޕޫރުގައި ކުރިއަށްދާ “ނާޓާސް ހޮލިޑޭ އެކްސްޕޯ” ގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީ އިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރުސީއިން ބުނެފައިވަނީ ނާޓާސް އެކްސްޕޯގައި ސިންގަޕޫރުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އިސް ފަރާތްތަކާ ބައްދަލުކޮށް ރާއްޖެ އިސްތިހާރު ކުރެވޭނެ އިތުރު ގޮތްތައް މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

އިއްޔެ ފެށި މި އެކްސްޕޯ ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. މި އެކްސްޕޯގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އޭޝިއާ ސަރަހައްދުގައި އިސްތިހާރު ކުރެވިގެން ދާނެ ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ފަތުރުވެރިކަމުގެ މި އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ވަނީ ފަސް ކުންފުންޏެއް ބައިވެރިވެފަ އެވެ. ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

1987 ގައި ފަށާފައިވާ ނާޓާސް ހޮލިޑޭ އެކްސްޕޯ އަކީ ސިންގަޕޫރުގެ ފަތުރުވެރިންނާއި އޭޝިއާގެ ޓްރެވަލް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު އެކްސްޕޯ އެކެވެ.

މި އެކްސްޕޯގައި ބަހައްޓާފައި ހުރި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކާ ގޮތަށެވެ. އެތަނުން ދިވެހި ކާތަކެތީގެ ރަހަ ބެލުމުގެ ފުރުސަތާއި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ވާޗުއަލް ރިއަލިޓީ ބޭނުންކޮށްގެން ބަލައިލުމުގެ ފުރުސަތު ވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ ޖެނުއަރީން ޖޫން އަށް ސިންގަޕޫރުން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 17.7 އިންސައްތަ އިތުރުވެފައެވެ.