މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން މިގޮތަށް އަމުރުކުރީ ސިނާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

ޝަރީއަތް ނިމެންދެން ސިނާން ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއިރު އޭނާގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފައެވެ. މި ދައުވާ ސިނާންގެ މައްޗަށް އުފުލާފައިވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން ހައްޔަރުކުރިއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް އެންމެފަހުން ޖަހާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.

ކުއްލި ނުރައްކަލުގެ ދަށުން ސިނާންގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވަނީ ހައްޔަރުކޮށްފައެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.