ވަގަށް އިންޑިއާއަށް އެތެރެވާން ދަނިކޮށް އަތުލައިގަތް، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މައްސަކަތް ކުރެއްވީ އިންޑިއާ މެދުވެރިކޮށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ސަންޑޭ ކްރޮނިކަލް އިން ބުނެފައިވާގޮތުގައި އަދީބު ރާއްވަވާފައި އޮތީ ރައީސް ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުވެސް ސިޔާސީ ހިމާޔަތް ހޯއްދެވި ގޮތަށް އިންޑިއާމަގުން އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދެވުމަށެވެ.

ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވުމަށް އުޅުއްވަނިކޮށް ހިފަހައްޓާފައިވާ ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިންޑިއާއިން ހިމާޔަތްނުދެއްވައި އަނބުރާ ރާއްޖެއަށް މިހާރު ފުރުވާލާފައިވާއިރު އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުން މިކަމާއި ގުޅޭގޮތުން ބުނެފައި ވަނީ، ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އަދީބު ރާއްޖެއަށް ގެންނާނެ ކަމަށެވެ.

އަދީބު ރާއްޖެއަށް ފޮނުވާލުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާކަން ޔަޤީންކޮށްދެމުން އޮފިޝަލް ބުނެފައި ވަނީ، އަދީބު ރާއްޖެއަށް ފުރުވާލާފައިވަނީ އޭނާ އިންޑިއާއަށް އެތެރެވުމަށް މަސައްކަތް ކުރެއްވި ޓަގް ބޯޓުގައެވެ.

އެ ބޯޓުގައި އަދީބު ރާއްޖެއަށް ގެންނައިރު، ރާއްޖޭގެ އޮފިޝަލުން ވެސް ބޯޓުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ވެއެވެ. ރާއްޖެއަށް އަދީބު ފުރުވާލާފައިވަނީ އިންޑިއާއިން ޑީޕޯޓުކުރުމަށް ފަހު ކަމަށް ނޫސްތަކުން ބުނެއެވެ. އެމަނިކުފާނު ރާއްޖެ ގެނައުމަށް ޓަގް ބޯޓުގައި ފުރުވާލީ ރޭގެ ވަގުތެއްގައި ކަމަށް ވެއެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސްއިން އިއްޔެ ބުނެފައި ވަނީ، އެޤައުމުން އަދީބު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެ ނޫހުގައި ބުނެފައި ވަނީ އަދީބުގެ އިތުރުން ހައްޔަރުކުރި ކަމަށް ބުނާ ނުވަ މީހުން ތިބީ އެމީހުން އިންޑިއާއަށް އެތެރެވުމަށް ދަތުރުކުރި ޓަގު ބޯޓުގައި ކަމަށެވެ.

ނިއު އިންޑިއަން އެކްސްޕްރެސް އިން ބުނެފައިވާގޮތުގައި، އަދީބު އިންޑިއާއަށް ދަތުރުކުރެއްވީ ރާއްޖޭގައި ރައްކާތެރިކަން ނެތުމުން އިންޑިއާއިން ރައްކާތެރިކަން ހޯއްދެއްވުމަށް ކަމަށެވެ. އޮފިޝަލަކާއި ހަވާލާދީ އެ ނޫހުގައި އިތުރަށް ބުނެފައިވަނީ، އަދީބަށް ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކުން މަރުގެ އިންޒާރު ދެމުން އަންނަ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދީބާއި އިތުރު 9 މީހުން ދަތުރުކޮށްފައި ދަނިކޮށް ހިފެހެއްޓި ޓަގު ބޯޓު އޮތް ސަރަޙައްދުގައި ކަމާއި ބެހޭ އިދާރާތަކުގެ އޮފިޝަލުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އަދީބާއި ބޯޓުން ދަތުރުކުރި އެހެން މީހުން ވެސް ތިބީ ބޯޓުގެ ތެރޭގައެވެ.

ވެލި ބަރުކޮށްގެން ދަތުރުކުރި ޓަގު ބޯޓަކުން އަދީބު އިންޑިއާއަށް ދަތުރުކުރައްވަމުން ދަނިކޮށް އެ ބޯޓު ހިފަހައްޓާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން އެ ބޯޓު ހިފަހައްޓާފައިވަނީ، އެފަރާތްތަކަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އިންޑިއާގެ އައްސޭރީގެ ސަރަޙައްދަކުން ކަމަށް ނޫސްތައް ބުނެއެވެ.

"ވާގޯ 9" ގެ ނަމުން ނަންދީފައިވާ މި ބޯޓުގައި ނަގާފައި ވަނީ ސިންގަޕޫރު ދިދައެއް ކަމަށާއި، އެއިން ދަތުރުކުރީ އަދީބުގެ އިތުރުން އިންޑިއާ މީހަކާއި އިންޑޮނީޝިއާގެ 8 މީހެއް ކަމަށް ވެއެވެ. އެ ބޯޓުން އިންޑިއާއަށް އެތެރެވުމަށް އަދީބު ދަތުރުކުރެއްވިއިރު، ފާސްޕޯޓާއި އެނޫންވެސް ލިޔެކިޔުންތައް އަދީބުގެ އަތުގައި ނެތް ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

އަދީބު ދަތުރުކުރެއްވި ބޯޓު އިންޑިއާއިން ހިފެހެއްޓުމާއި ގުޅިގެން އަދީބުގެ ޤާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަދީބު އިންޑިއާގެ ސިޔާސީ ހިމާޔަތައް އެދިވަޑައިގަންނަވާފައި ވާ ކަމަށެވެ. އަދި އަދީބަށް ލިބެން ޖެހޭ އެންމެހާ ޙައްޤުތައް ލިބެމުންދާކަން ކަށަވަރު ކޮށްދިނުމަށް އދ.ގެ ހައިކޮމިޝަން ފޯ ހިއުމަން ރައިޓްސްގެ ކިބައިން އެދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދީބުގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތުތަކާއި ޝަރީޢަތްތައް ކުރިއަށް ގެންގޮސް އަދީބު ޖަލަށްލާ އަދި ފަހުން މިނިވަން ކުރި މައުލޫމާތުތައް ހިމެނުމަށް ފަހު އަދީބުގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަފިރިންގެ ޚިޔާލް

    ، އަދީބު ދެންފިލާނީ، މިއެޓެމްޕް ފެއިލް. ބަޓް އަދި އަތުނުވާހެން ރާވާފިލާނެ. އަދީބު ހަމަ ބިރުން ފިތްކެޑިއްޖެ. މިސަރުކާރުން ދީފާނެ އަދަބަކަށް. ރ.ސޯލިހުގެ ކެމްޕެއިނަށް ޚަރަދު ކުރެއްވި ފައިސާ އަދީބު ހޯއްދެވީ ކިއްލި ތަޅައިގެން، މިއީ އެންމެވަރުގަދަ އާމްދަނީއެއް ލިބޭކަމަކީ ރ.ސޯލިހުގެ ބޭރުގެ އކ ޖަމާވާކަމަށްބުނާ ގިނަ ފައިސާތަކަކީ ކިއްލި ފެކްޓަރީގެ ވިޔަފާރި ރަގަޅުވީމަ ފައިދާ 54 މިލިއަން ޑޮލަރ....

    10
  2. ރާއްޖެ

    ކޮންތާކުންބަރުކޮއްގެންްދިޔަ ވެއްޔެއްބާ އެވެސް އެބަޖެހޭ އޮޅުންފިލަން