ދިރާގަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 210 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގުން އިއްޔެ އާންމުކޮށްފައިވާ މި އަހަރުގެ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކާގޮތުގައި އެކުންފުންޏަށް ފައިދާގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 238 މިލިއަން ރުފިޔާއެވެ.

ދިރާގުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހޭދަވި ތިން މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 710.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އާމްދަނީ އިތުރުވިޔަސް، މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު ސާފު ފައިދާ ވަނީ ދަށަށް ގޮސްފައެވެ.

އެކުންފުނިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ސާފު ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓޫރިސްޓް އޮފް ސީޒަނަށް ވާތީ ރޯމިން އިން ލިބުނު މިންވަރު މަދުވުމާއި ހިންގުމުގެ ހަރަދު އިތުރުވުންކަމުގައެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ކުންފުނީގެ ކޭޝްފްލޯ ރަނގަޅުވެފައިވާކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން މި އަހަރުގެ ދެވަނަ ކުއާޓާރުގައި ހިންގާފައިވާ މުހިއްމު ހަރަކާތްތަކަށް ބަލާޢިރު، 1 ޖީބީޕީއެސްގެ ހަލުވި އިންޓަނެޓް ތައާރަފު ކުރުމާއި ދިރާގު ޓީވީގެ ހިދުމަތް ފުޅާކުރުމަށް ވީޑިއޯ އޮން ޑިމާންޑް ފީޗާ ތައާރަފު ކުރުން ހިމެނެ އެވެ.

އަދި ސިޓީ ކައުންސިލާ ގުޅިގެން މާލޭގެ ޕާކުތަކަށް ހިލޭ ވައިފައި ދިނުމުގެ ޕްރޮޖެކްޓު ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެގަވޯޓު

    ތިޔަ މީހުނަށް ކިތައްމެ ބައިވަރެއް ލިބުނަސް ބަނޑެއް ނުފުރޭނެ. ރައްޔިތުންގެ މަސް ރިހާކުރާ ޖަހައިގެން ކާބައެއް ތީ.