މާލޭގެ ހ.ޓެންސްޓާރ ގޭގެ ހަވަނަ ފަންގިފިލާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއެކު އެ ފްލޯގައި މީހުން ދިރި ނޫޅެވޭ ވަރު ވަނީ ވެފައެވެ. އެގޭގެ 16 މީހަކަށް ޑިޒާސްޓާއިން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އެ ހާދިސާގައި އެތަކެއް އަގުހުރި ސާމާނެއް ވަނީ ހަލާކުވެގެން ގޮސްފައެވެ. އޭގެ ތެރޭގައި 9000 ބީޓީޔޫގެ ހިޓާޗި އެއަރކޮންޑިޝަން، އެކްސަސައިޒްކުރާ ބައިސްކަލް، ކުޑަކުއްޖެއްގެ ބައިސްކަލް، 4 ފޫޓް 6 ފޫޓްގެ މަސްޓޭންކެއް، ފުލާސްޓިކް މޭޒެއް، ގޮދަޑިއެއް، ލަކުޑި ކަބަޑެއް، ފުޓްބޯޅަ ބޫޓެއް، އޮފީސް ބޫޓެއް، ޖޮގިންގ ބޫޓެއްގެ އިތުރުން ޓެރެސްއަށް ވަންނަ ދޮރު ހިމެނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިއަދުގެ ހާދިސާ ހިނގަން މެދުވެރިވީ ޖެހިގެން ހުރި ގޭގައި ވެލްޑިން ކުރުމުގެ މަސައްކަތް ކުރަނިކޮށް، ބުރައިގެންއައި އަލިފާން ކޮޅެއްގެ ސަބަބުން ކަމަށެވެ. އަދި އަލިފާން ކަނި ޖެހިގެން ރޯވީ ގޮދަޑި ކަމަށްވެސް ފުލުހުންގެ ތަހުގީގު އަލީގައި ބުނެފައިވެއެވެ.

ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، ވެލްޑިން ފަދަ މަސައްކަތްތައް ކުރުމުގައި މިހާރަށްވުރެ ސަމާލުވާން ވެއްޖެކަން ޔަގީނެވެ. މިއަދުގެ ހާދިސާއާ ގުޅިގެންވެސް އެކަމަށް ސަމާލުވުމަށް މުހިއްމު ވެއްޖެއެވެ.