މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި އެންސީއޭ ގުޅިގެން 'އަންވީލިންގ ވިޜަންސް 2019' ގެ ނަމުގައި ބާއްވާ ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން ހުޅުވައިފި.

މިރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިޔާތެއްގައި މި އެގްޒިބިޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ‎އައިޝަތު އަލީއެވެ.

މިރަސްމިޔާތުގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އަދި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ ފަންނާނުންނަކީ ނުވަތަ އާޓިސްޓުންނަކީ ގައުމުގެ ތަރައްގީގެ ވަރަށް މުހިންމުދައުރެއް އަދާކޮށްދޭ ބައެއް ކަމަށެވެ. އަދި އާޓްސް ދާއިރާ ކުރި އަރުވަން އާންމުންގެ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"އާރޓިސްޓުންނާއި ފަންނުވެރިންގެ ހުނަރު ކުރިއަރުވަން ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ,އާޓިސްޓުންނަކީ ގައުމުގެ ތަރައްގީގެ ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭ ބައެއް, އާޓްސް ދާއިރާ ކުރި އަރުވަން އާންމުންގެ ވިސްނުން ބަދަލު ކުރަންޖެހޭ،" ޔުމްނާ ވިދާޅުވިއެވެ.

މިރޭ ބެއްވި މި ރަސްމިއްޔާތުގައި 'މޯސްޓް ވައިބްރަންޓް އާޓިސްޓް އެވޯޑް 2019' ވެސް ވަނީ އެކި ތިން ފަރާތަކަށް ދީފައެވެ.

‏އަންވީލިންގ ވިޝަންސް 2019 ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން ހުޅުވިފައި ހުންނާނީ މިރެއިން ފެށިގެން މިމަހު 7 ވަނަ ދުވު ހެނދުނު 09:00 އިން ހަވީރު 06:00 އަށް، އަދި ރޭގަނޑު 08:00 އިން 11:00 އަށެވެ. މި އެގްޒިބިޝަން ކުރިއަށްދާނީ ނޭޝަނަލް އާޓް ގެލެރީގައިއެވެ.


.
މިއީ މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި އެންސީއޭ ގުޅިގެން މި އެގްޒެބިޝަން ބާއްވާ ހަތަރު ވަނަ ފަހަރެވެ. މި އަހަރު ބައިވެރިވާ އާޓިސްޓުން ހަ ކެޓަގަރީއަކަށް ވަނީ ބަހާލައިފަ އެވެ. އޭގެ ތެރޭގައި ފެންކުލަ، ޑިޖިޓަލް އާޓް، ސްކަލްޕްޗާ، އިންސްޓޮލޭޝަން، ކެލިގްރަފީ އަދި ފަންސޫރު ކުރެހުންތައް ހިމެނެ އެވެ.

ޒުވާން އާޓިސްޓުންގެ ހުނަރުތައް ޝޯކޭސް ކުރަން ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ މި އެގްޒިބިޝަންގައި ލައިވް އާޓް އިވެންޓްތަކާއި އާޓް ވޯކްޝޮޕްތައް ވެސް ކުރިއަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ކިހާ ވަރަކުން ދާނެބަ!؟
    މިހާރަކަށް އައިސް ތިކަހަލަ ހުނަރުތަކުގައި އިސްލާމް ދީނަށް ފުރަސާރަ ކުރުމުގެ ހުނަރު ދައްކާލުމުން ނޫނީ ބައިވެރިން ހިތްހަމަޖެހޭ ކަމަކަށް ނުވޭވިއްޔަ!