ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

މާދަމާ ބޭއްވުމަށް ނިންމާފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ރިޔާޒް ހުރަސް އެޅި ކަމަށް ބުނެ ކުރި ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް ކުރުމުން ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުމެކެވެ.

މި މައްސަލައިގެ އިސްތިއުފާން އަޑުއެހުންތައް މިދިޔަ އަހަރު ފަށާފައިވާއިރު މާދަމާ ހެނދުނު ބާއްވާ އަޑުއެހުމުގައި އޮންނާނީ ރިޔާޒުގެ ފަރާތުން ޖަވާބުދާރީވުމެވެ.

މި މައްސަލަ އިސްތިއުނާފުކޮށްފައިވާ އިރު ރިޔާޒްގެ މައްޗަށް ދައުލަތުން ވަނީ އިތުރު ދައުވާތަކެއް ވެސް އުފުލާފައެވެ. އެގޮތުން ރިޔާޒްގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ދައުވާ އާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާގެ އިތުރުން ގަދަކަމުން މަޖިލީހަށް ވަތް މައްސަލައިގެ ދައުވާ އުފުލާފައެވެ.

އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާއިރު މިދިޔަ މަހުން ފެށިގެން ރިޔާޒް ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.