ކެންސަރަށް ފަރުވާ ކުރާނެ އެންމެ ފަހުގެ ބޭސް އެސްޓިއޯ މެދުވެރިކޮށް ލިބޭނެ މަގު ފަހި ކޮށްފިއެވެ.

ޑރ ރެޑީސް, އެސްޓިއޯ އާސަންދަ, ކެންސަރ ސޮސައިޓީ އިން ގުޅިގެން މިބޭސްތައް ތާއަރަފް ކުރީ މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ހުޅުލެ އައިލެންޑްސް ހޮޓެލްގައި ކުރިއަަށްދާ އޮންކޯ ސްޕެކްޓަރާ ސިންޕޯޒިއަމްގައެވެ.

މި ސިންޕޯޒިއަމް ފައްޓަވައި ދެއްވީ އެސްޓިއޯގެ މެނޭޖިން ޑިއިރެކްޓަރ ހުސެއިން އަމްރުއެވެ.

މިއަދު ތައާރަފް ކުރެވުނު ބޭސްތަކަކީ އިންޑިއާގެ ޑރ ރެޑީސް ކުންފުނީގެ އުފެދުން ތަކެވެ. މިއަދު ފެށި ސިންޕޯޒިއަމްގައި ވަނީ ކެންސަރަށް ފަރުވާ ކުރާނެ އެންމެ ފަހުގެ 14 ބޭހެއް ތާރަފްކޮށްފައެވެ. މި ބޭސްތައް މިވަގުތު މާލޭގައި ހުންނަ އެސްޓީއޯ ބޭސް ފިހާރައިންނާއި، ހުޅުމާލޭގައި ހުންނަ އެސްޓީއޯ ބޭސްފިހާރައިން ލިބެން ހުންނާނެއެވެ. މި ބޭސްތައް އާސަންދައިގެ ދަށުން ކަވަރު ކުރާނެއެވެ.

މި ސިންޕޯޒިއަމްގެ ތެރެއިން ނޫސްވެރިން ނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ. މުހައްމަދު ޝިފާން ވިދާޅުވީ މިއަދު ފެށުނު ސިންޕޯޒިއަމްގެ މައިގަނޑު މަގުސަދަކީ ކެންސަރުގެ އެންމެ ފަހުގެ ދިރާސާ އާއި މައުލޫމާތު އަދި ފަރުވާއަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީން ކުރުމާއި ހޭލުން ތެރިކުރުން ކަމަށެވެ.

"ކެންސަރުގެ އެންމެ ފަހުންގެ ހޯދުންތަކާއި ފަރުވާ އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުންނަށް ފޯރުކޮށްދިމަށް, ރާއްޖެއިން ބޭރުގެ މާހިރުން ވަޑައިގެން އެބަތިއްބެއްވި, އެބޭފުޅުން މި ސިންޕޯޒިއަމްގައި މައުލޫމާތު ދެއްވާނެ" ޑރ ޝިފާން ވިދާޅުވިއެވެ.

ޑރ ޝިފާން އިތުރަށް ވިދާޅުވީ މިއަދު މުޅިން އަލަށް ކެންސަރުގެ ފަރުވާއަށް ބަޔޯ ސިމިލާޒް ބޭސްވެސް ތައާރަފް ކުރެވުނު ކަމަށާއި މިއީ ވެސް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.

"ކޮންމެ ދިވެއްސަކަށް ލިބޭ ފައިދާ އަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބޭ ކުރިއެރުމެއް, އަޅުގަނޑުމެން ވަރަށް އުނދަގުލުން ވަރަށް ދަތިކޮށް މިއަދާ ހަމައަށް ވެސް ކެންސަރަށް ބޭނުންވާ ބޭސްތައް މިލިބެނީ, މި ބޭސް އަޅުގަނޑުމެން ބޭނުންވާ ވަރަކަށް ނުލިބޭ, އެހެންކަމުން އެސްޓިއޯ މެދުވެރިކޮށް މި ބޭސް އެއްވެސް ހަރަދަކާއި ނުލާ ލިބުމަކީ ލިބޭ ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެނީ" ޑރ ޝިފާން ވިދާޅުވިއެވެ.