މާލޭގެ މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އެއްގަމު އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހާ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ ސުވާލުކުރަން ހުށަހަޅާފައިވާ މައްސަލަ އަންނަ ބުދަ ދުވަހު ބާއްވާ ރައްޔިޔުންގެ މަޖިލީހުގެ ޖަލްސާގައި އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވީ، މި ހަފްތާގައި ދެ ވަޒީރެއް މަޖިލިހުގެ ހާޒިރުކުރާނެ ކަމަށާއި އެއީ މިނިސްޓަރު ނަހުލާގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އަމީން ހާޒިރުކުރަނީ މާދަމާ ބާއްވާ ޖަލްސާ އަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

މިނިސްޓަރ ނަހުލާ މަޖިލީހަށް ހާޒިރު ކުރުމަށް ޖާބިރު މަޖިލީހަށް ހުށަހެޅި ސުވާލު ކުރުމުގެ ނޯޓިސްގައި ބުނެފައި ވަނީ އެކަށީގެންވާ މިންވަރަށް ޕާކު ކުރާނެ ސަރަހައްދުތައް ހެދުމެއް ނެތި ޕާކިންގް ސްޓިކާ ޖަހަމުންދާ ކަމަށެވެ.

ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދެކެވެ. ރައީސް ޞާލިހް ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަސްކޮޅުގައި ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ސްޓިކާ ޖެހުން ހުއްޓާލިތާ މަހެއްހާ ދުވަސް ފަހުން ފުލުހުން ވަނީ އަލުން ސްޓިކާ ޖަހަން ފަށާފައެވެ.