ޒުވާނުން ހައްދުފަހަނައަޅައި ދަނީ އިސްލާމް ދީނުގެ ސައްޚަ މައުލޫމާތު ނުލިބޭތީ ކަމަށް ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހައްދުފަހަނައަޅައި ދިއުން އަދި ނިރުބަވެރިކަމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ރޭ ދެއްވި ތަޤްރީރެއްގައެވެ.

އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ރޭ ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާ ކުރެއްވި ތަގްރީރުގައި ވަނީ ޒުވާނުން ހައްދުފަހަނައަޅައި ދިއުމަށް މެދުވެރިވާ ސަބަބުތަކުގެ މައްޗަށް ވާހަކަ ދައްކާފައެވެ.

ރޭގެ ތަގްރީރުގައި ޑރ. އެންތޮނީ ވިދާޅުވީ އިސްލާމް ދީނުގެ ރަނގަޅު މައުލޫމާތު ނުލިބުމަކީ އޭގެ އެއް ސަބަބު ކަމަށާއި އިސްލާމްދީނާއި ގުޅޭ މަޢުލޫމާތު އިތުބާރުކުރެވޭ މަސްދަރުތަކުން ހޯދުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ ޒުވާނުން ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިކުރުމަށް ހިތްވަރުދޭ މީހުން ބޭނުންކުރަމުންދަނީ އެއްމެ ފަހުގެ ޓެކްނޮލަޖީ އާއި ވަސީލަތްތައް ކަމަށާއި އެހެންކަމުން މިކަންކަމަށް ފާރަވެރިވުމަކީ މުހިއްމުކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

200 އަށްވުރެ ގިނަ މީހުން ހާޒިރުވި މި ތަޤްރީރަކީ އިސްލާމް ދީނާއި ގުޅޭ ދިރާސީ މައުލޫމާތު ފެތުރުމުގެ ގޮތުން އިސްލާމީ ޔުނިވަރސިޓީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ތަގްރީރެއް ކަމަށް އެ ޔުނިވަރސިޓީން މައުލޫމާތު ދެއްވިއެވެ.

ރޭގެ ތަގްރީރުގެ އިތުރުން އިސްލާމީ ޔުނިވަރސިޓީން ވަނީ ޒުވާނުންނަށް ޚާއްސަކޮށްގެން އިސްލާމް ދީނާއި ސުލްހަވެރިކަމާއި ބެހޭ ގޮތުން ފޯރަމެއް ވެސް އިއްޔެ ބާއްވާފައެވެ.

ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި އެ ފޯރަމްގައި ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާގެ އިތުރުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންގެ ފަރާތުން ޚާއްސަ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ފޯރަމްގައި 35 ފަރާތުން ބައިވެރިވެފައިވާ ކަމަށް އިސްލާމީ ޔުނިވަރސިޓީން މައުލޫމާތު ދެއްވިއެވެ.

އިއްޔެގެ ފޯރަމުގައި ޚާއްސަ އިލްމުވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ދީނީ އިލްމުވެރިއާ ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާ އަކީ މީގެ 29 އަހަރު ކުރިން 1990 ގައި އިސްލާމް ދީނުގެ ހިދާޔަތު ލިބި އިސްލާމްދީނުގެ އިލްމު ފެތުރުމަށް މަސައްކަތް ކުރާ ފަރާތެކެވެ. އޭނާގެ ޕީއެޗްޑީ ތީސީސްވެސް ބިނާ ވެފައިވަނީ އިނގިރޭސި ވިލާތުގައި އަލަށް އިސްލާމްދީން ގަބޫލުކުރާ މީހުން ހައްދުފަހަނައަޅައި ދިއުމަށް މަގުފަހިވާ ކަންކަމުގެ މައްޗަށެވެ.

ދީނާގުޅޭ ދިރާސީ މައުލޫމާތު ފެތުރުމުގެ ގޮތުން އިސްލާމީ ޔުނިވަރސިޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިސްލާމީ ޔުނިވަރސިޓީން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗްއަލް އެޑްވާންސްމެންޓް (އައި.ސީ.އައި.އޭ) ކޮންފަރެންސް މިމަހު 31 އިން ސެޕްޓެމްބަރ އެކަކަށް އޮންނާނެ ކަމަށް އެ ޔުނިވަރސިޓީން މައުލޫމާތު ދެއްވިއެވެ.