ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޙަސަން ލުޠްފީއަށް އިންޒާރު ދިނުމާގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މިހާރު ކުރަމުންދާ ޝަރީޢަތުގެ މުހިއްމު ހެއްކެއް ކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ބިރުދައްކާ އިންޒާރު ދީފައިވާ ކަމަށް ޙަސަން ލުޠުފީ މީޑިއާތަކަށް ދެއްވާފައިވާ މަޢުލޫމާތުތަކުން ހާމަވުމާ ގުޅިގެން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ މިޢަމަލު މިކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

" ރައީސް ޔާމީންގެ ޝަރީޢަތުގައި ހިމެނޭ ހެކިންނަށް އިންޒާރުދީ، ފްރޭމްކޮށް، ވަކި ގޮތަކަށް ބަޔާންދިނުމަށް މަޖުބޫރު ކުރުމުގެ ގޮތުން ބިރުދެއްކުމަކީ، ސިޔާސީ ވާދަވެރިން ނައްތާލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް, ހަމައެއާއެކު، ހޯމް މިނިސްޓަރގެ މިޢަމަލަކީ ސަރުކާރުގެ ވިސްނުން މިޝަރީޢަތާމެދު އޮތްގޮތް ވަރަށް ބޮޑަށް ސާފުވާ ކަމެއް " ބަޔާނުގައިވެއެވެ.

މީގެއިތުރުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި ސިޔާސީ ދަޢުވާއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ހޯމް މިނިސްޓަރ ގުޅިގެން، ޤާނޫނާ ޚިލާފަށް ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ޙުކުމެއް ކުރުމަށް ވަރަށް ބޮޑަށް ރޭވިގެން ކޮށްފައިވާ ދަޢުވާއެއްކަން ފާހަގަކުރެވޭ ކަމަށް މި ބަޔާނުގައިވެއެވެ.

އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ މިޢަމަލަކީ ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ހިންގާފައިވާ ޢަަމަލެއްކަމާއި، ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް ޙުކުމެއް ކުރުމަށްޓަކައި ކެތްމަދުވެފައިވާކަން ސާފުވާ ދަލީލެކަށް ބަޔާނުގައި ވެއެވެ.

" އިންސާފުވެރިކަން ހޯދައިދިނުމަށް ވަކާލާތުކޮށް ވެރިކަމަށް އައިސް ނާއިންސާފުން ބާރުގެ ބޭނުންކޮށްގެން ވަކި ގޮތަކަށް ކަންކަން ނިންމުމަށް މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫން އެހެންކަމުން، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ މި ޢަމަލަކީ ހުރިހާގޮތަކުންވެސް ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބު ފިނޑި ޢަަމަލެއްކަން ފާހަގަކޮށް މިކަން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަން " ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުވިޔެންނު

    މިރާއްޖޭގަ މިވަގުތު އޮތް އިދިކޮޅު ޕާޓީ ދިވެހިރައްޔިތުން ސިފަކުރަނީ ކަނޑުގަ އަޅާފަދާ ރޮނގެއްފަދަ ގޮތަކަށް. ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތް. އިދިކޮޅުގަ ގިނައީ ކުރެވިފަހުރި ވައްކަންތަށް ފޮރުވުމަށް ތެޅިފޮޅޭ މީހުން.

  2. އަދުލު

    މިސަރުކާރުން މާގިނަވައްކަންކޮށްފި ދަވްލަތުގެޚަޒާނާލޫޓުވައިފި މަސްވެރިންޙާލުގަޖައްސައިފި އެއްވެސް ވައުދެއް ނުފުއްދުނު އިންޑިއާ،ލަންކާއިން އާސަންދަކަނޑަފި އަދިވެސް އެތައްކަމެއް ކޮށްފި ޝުކުރިއްޔާ.