ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ޕާކިސްތާނުން އެހީވުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް ގަމަރް ޖާވީދް ބަޖްވާ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޓެރަރިޒަމް އާއި ދެކޮޅަށް ދެޤައުމުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން ކުރިޔަށް އޮތްތަނުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޓީމުތައް ޕާކިސްތާނަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޕާކިސްތާންގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ޞިއްޙީ ދާއިރާގެ ޚާއްސަ ޑޮކްޓަރުން ދިވެހި އަސްކަރިއްޔާގެ ހޮސްޕިޓަލް "ސެނަހިޔަ" ގައި މަސައްކަތްކުރުމަށް ފޮނުވުމާއި ބެހޭގޮތުންނާއި ދެޤައުމު ގުޅިގެން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ޕެޓްރޯލްކުރުން ކުރިޔަށް ގެންދިޔުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑައިރެކްޓަ ޖެނެރަލް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމަކީ ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ ދައުވަތަށް ރާއްޖެކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ކުރެއްވި ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާނީ

    ބަރާބަރު. އިންޑިއާ ފެއިލް ކޮށްލަންވީ

  2. ނާނީ

    ބަރާބަރު. އިންޑިއާ ފެއިލް ކޮށްލަންވީ. ވަރަށް ފައްކާ ކަމެއް ތި ކޮށްލީ

  3. ބޮނޑި

    ތިޔަހަދަނީ ގޯހެއް ރާއްޖޭގެ ކަނޑުތައް ގިނަބަކަށްވަދެ ކަންކަން ހޯދާބެލުމުގެ ފުރުޞަތު ތިދެނީ އަމިއްލައަށް ނުރައްކަލަށް ހުށަހޮޅެނީ! އިންޑިޔާގެ ގުޅުން އިތުރަށް ގޯސްވެ ރާއްޖެގެ ކަޑުގައި ހަމަނުޖިހުން އުފެއް ދުމުގެ މަގެއް ތިޔަކޮށައިދެވެނީ މުޅިން ބޯހަލާކު...