ތެލެސީމިއާ ކުއްޖެއްގެ ހާލު ސީރިއަސްވެގެން ފަރުވާ ދޭން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުވާ ދެމުން ދަނީ ވަރަށް ފަހުން ބޯން މެރޯ ހަދާފައިވާ އަންހެން ކުއްޖަކަށެވެ.

އެކުއްޖާ އަށް ފަރުވާ ދެމުން ގެންދަނީ އިންޑިއާގެ ބެންގަލޫރްގެ ހޮސްޕިޓަލެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާގެ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދިފަހުން ހާލު ރަނގަޅު ވިއެވެ. ނަމަވެސް ފަހުން ކުއްލިއަކަށް ހާލު ސީރިއަސްވީއެވެ.

ތެލެސީމިއާ ކުއްޖެއްގެ ހާލު ސީރިއަސްވެގެން ފަރުވާ ދޭން ފަށާފައި ވާއިރު މިއަދު ވެސް ބޯން މެރޯ ހަދާފައިވާ ޒުވާނަކު ވަނީ ނިޔާވެފައެވެ. އަދި ރޭ ވެސް ތެލެސީމިއާ ކުއްޖަކު ނިޔާވެފައި ވެއެވެ.

ރާއްޖެ އަކީ އާބާދީގެ ނިސްބަތުން ވެސް ތެލެސީމިއާ ބަލި ހުންނަ މީހުން އެންމެ ގިނަ އެއް ގައުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް ތެލެސީމިއާގެ ހަ ކުދިން ރާއްޖެ އިން ނިޔާވެއެވެ. ނަމަވެސް ފަހަކަށް އައިސް މި ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

ޝީގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގައި ކުރެވޭ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެންޏަކީ ދެ ކެރިއަރުންގެ ދެމެދު ކުރެވޭ ކައިވެންޏެކެވެ. އަދި އުފަންވާ ކޮންމެ 120 ކުއްޖަކުން އެއް ކުއްޖަކީ ތެލެސީމިއާ ބަލި ހުންނަ ކުއްޖަކަށްވެ އެވެ. އެއީ ގާތްގަނޑަކަށް އެވްރެޖްކޮށް އަހަރަކު 26 ކުދިންނެވެ.

2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަކަށް އަމަލު ކުރަން ފެށިއެވެ. އެ ޤާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮންމެ ކުއްޖެއްގެ ވެސް ތެލެސީމިއާ ޓެސްޓް ކުރުމަކީ އެކުދިންގެ ބެލެނިވެރިންގެ މައްޗަށް މަޖުބޫރު ކަމެކެވެ. ކުރީބައިގައި ތެލެސީމިއާ އަށް ޓެސްޓް ކުރުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އިރުޝާދު ދިން ނަމަވެސް އަދިވެސް ބައެއް މީހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމާލް

    ސަރުކާރުން އެބަޖެހޭ މިކަންކަމަށް ޙާއްޝަ ސަމާލުކަމެއްދޭން..މިހާރުވެސް ކާވެނި ކޮއްދޭ 2 ކެރިއަރުން ކަން އެގޭ އިރުވެސް..މީ ހިތާމަ ހުރި ކަމެއް...

  2. Anonymous

    ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ މައްސަލައެއް. ކަމެއް ޢާއްމުޙަލަތުން ނެއްޓުމުން އެކަމަކަށް އިތުރު ސަމާލުކަން ދީގެން ބަލަންޖެހޭނެ.