ޓަގް ބޯޓެއްގައި ފިއްލަވައިގެން އިންޑިއާ އަށް ގޮސް، އެގައުމަށް އެތެރެ ވާން އުޅެނިކޮށް ހައްޔަރުކޮށް އަނބުރާ ރާއްޖެ ފޮނުވާލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ ކްރިމިނަލް ކޯޓަށް ގެންދިއުމުން މިނިވަންކޮށްފައި ވަނިކޮށް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން އަދީބު އަލުން ހައްޔަރުކޮށްގެން މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު އޭނާ ދިރިއުޅުއްވާ ގެ، ގ. ހުމަށި އިންނެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައި ވަނީ، ޖިނާއީ މައްސަލައެއްގައި ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް ރާއްޖެއިން ބޭރަށް ފިލައިގެން ދިޔަކަމަށް ބުނެއެވެ. ރޭ އަދީބު ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިޔައީވެސް މި ތުހުމަތުގައެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފަށް ކަމަށް ދައުލަތުންވެސް އެއްބަސްވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ރޭ ވަނީ އޭނާ މިނިވަން ކޮށްފައެވެ.

އަދީބު ހައްޔަރުކޮށްގެން މިއަދު ދޫނިދޫއަށް ގެންގޮސްފައި ވަނީ، ކްރިމިނަލް ކޯޓުން އޭނާ މިނިވަންކުރަން ނިންމުމާއި ގުޅިގެން އޭނާ ހައްޔަރު ކުރުމުގެ އާ އަމުރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރޭ ފުލުހުން ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް މިއަދު އަދީބު އަލުން ހައްޔަރުކުރީ ކްރިމިނަލް ކޯޓުން އާ އަމުރެއް ނެރެގެން ކަމެއް އަދި ސާފެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ރޭ ކްރިމިނަލް ކޯޓުން އަދީބު މިނިވަން ކުރުމުންވެސް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުންގެ މައި އިދާރާއެވެ. އެތަނުން އޭނާ ރޭ ފަތިހު ފުލުހުންގެ ވެހިކަލެއްގައި ނެރެގެން ދިޔައިރު، ގެއަށް ދިޔައިރުވެސް ފުލުހުންގެ ދެ އޮފިޝަލަކު އޭނާއާއި އެކު އެޕާޓްމަންޓަށް ވަދެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން ގޭގެ ބޭރުގައިވެސް ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ. އަލުން އަދީބު ހައްޔަރުކޮށްފައިވަނީ އޭގެ ފަހުން މާގިނައިރެއް ނުވަނީހެވެ.

ރޭ އަދީބު ރާއްޖެ ގެނައި ގޮތަށް ފުލުހުންގެ އިދާރާއަށް ގެންގޮސްފައިވާއިރު، މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔައީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މުއްދަތު ޖެހުމަށް ކުރިއަށް ގެންދިޔަ މަޖިލިސް ދިގު ދެމިގެންދިޔައިރު، އެ މަޖިލީހުން އަދީބު މިނިވަން ކުރުމަށް ނިންމީ އަދީބު ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން، ޤާނޫނާއި ޚިލާފަށް ކަމަށް ދައުލަތުންނާއި ފުލުހުން އެއްބަސްވުމުންނެވެ.

އަދީބު ގާނޫނާ ހިލާފަށް ހައްޔަރު ކޮށްފައިވާ ކަމަށް އެއްބަސްވި ނަމަވެސް، ދައުލުން ރޭ އެދުނީ އަދީބުގެ މުއްދަތު ޖަހައިދިނުމަށެވެ. ތިން ގަޑިއިރަށް ދެމިގެންދިޔަ މުއްދަތުގެ މަޖިލީހުގައި ގާޒީ އަލީ ރަޝީދު ވިދާޅުވީ އަދީބު ހައްޔަރުކުރަން ނެރުނު އަމުރުގެ ބާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ނުހިނގާނެ ކަމަށެވެ.

އަދީބު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ދައުލަތުގެ ވަކީލުންގެ އިތުރުން ފުލުހުންވެސް އިއުތިރާފްވެފައިވާއިރު، ޕީޖީގެ ވަކީލާއިންނާއި ފުލުހުންވެސް ވިދާޅުވީ އަދީބު ހައްޔަރުކުރީ އިންޑިއާގެ ދިދަޖެހި ބޯޓަކުން ކަމަށެވެ. މިކަމާއި ގުޅިގެން ގާޒީ އަލީ ރަޝީދު ވިދާޅުވީ، އެހާލަތުގައި އެ އުޅަނދަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހިނގާނީ އުޅަނދުގައި ނަގާފައި ހުރި ދިދަ ނިސްބަތްވާ އިންޑިއާގެ ގާނޫނު ކަމަށެވެ. އެހެންކަމުން އަދީބުގެ ބަންދުގެ މުއްދަތު އިތުރު ނުކުރުމާމެދު ސުވާލެއް ނެތް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތްކުރެއްވި އިރު، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުން، ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓަކުންނެވެ. އަދީބު ހިފެހެއްޓުމުން އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އެޤައުމުން އަދީބަށް ހިމާޔަތް ދީފައެއް ނުވެއެވެ.

އަދީބަކީ ދައުލަތުގެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރިން ކޯޓުތަކުން އިއްވާފައިވާ ޙުކުމްތައް ވަނީ ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ބާތިލް ކޮށްފައެވެ. ހުރިހާ ޙުކުމެއް ބާތިލް ކުރި ނަމަވެސް އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން އެބަގެންދެއެވެ.