ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސީޝެލްސްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސީޝެލްސްއަށް ކުރެއްވި މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސީޝެލްސްގެ ރައީސާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އެއްބާރުލުންދިނުމުގެ މުހިންމު 7 އެއްބަސްވުމެއްގައި ސޮއިކުރައްވާފައި ވެއެވެ. މި އެއްބަސްވުންތައް ވެވުނު ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި ޓޫރިޒަމާއި، ނޫއިޤްތިޞާދުގެ ދާއިރާއާއި ދެ ޤައުމުގެ ފޮރިންމިނިސްޓްރީގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި ކުޅިވަރުގެ ދާއިރާއާއި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއާއި ޔޫތު ޑިވެލޮޕްމަންޓް ދާއިރާ ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މެރިޓައިމް ދާއިރާއިން ސީޝެލްސްގައި މަތީ ތައުލީމު ހާޞިލުކުރުމަށް 4 ސްކޯލަރޝިޕްގެ ފުރުޞަތު ރާއްޖެއަށް ދެއްވާނެކަންވެސް ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސީޝެލްސްގެ ސަރުކާރާއެކު ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުމަކީ އެ ދާއިރާއިން ރާއްޖެއަށް ފަހިފުރުޞަތުތަކެއް ފަހިވެގެންދާނެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ކުޅިވަރުގެ ތަޖްރިބާކާރު ފަންނުވެރިންނާއި ކުޅިވަރުގެ ސިޔާސަތު އެކަށައެޅުމުގެ ތަޖުރިބާކާރު ފަރާތްތަކާއި ކޯޗުންގެ އެހީތެރިކަން އެއްޤައުމުން އަނެއް ޤައުމަށް ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަން ހިމެނުމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ލިބިގެންދާ ފުރުޞަތެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަހޫ

    ދެން ރަށްޔިތުންގެ ލާރިން ދެމަފިރިން ދަތުރު ކޮއްލަ ކޮއްލާ ހުރީމަ ރަށްޔިތުންނަށް އޮތީ ކޮން ފައިދޭއެއް ތޯ...ވޭސް ނޫނީ ކޮން ކަމެއް ..

    23
    2
  2. ރީތި

    ފުރަމާނަ ހަނީމޫން އަކަށް ވަޑައިގަތުމަށް ފަހު.

  3. ރައްޔިތު މީހާ

    ހާދަ ބޮޑު ޕްރޮޖެކްޓެއް ތިހިންގާލީ..

    11
  4. ސިޔާ

    ޅަކުދިން ލާ ކަހަލަ ހެދުން ލާކައް ތި އަން ހެނާ ލަދެއްވެސް ނުގަނޭތަ؟ ލަދުން ބޯ ހަލާކް...

  5. Anonymous

    ދެމަފިރިންނަށް
    ވެދުން ސަލާމް
    ރައްޔިތުންގެ ފައިސާއިން ރައްޔިތުންނާ ނުގުޅޭ ދަތުރުތައް އެޅީމަ ޒީރޯ ޓޮލަރެންސް މިޖެހެނީ ކިހާހިސާބެއްގައި.ވެރިކަމެއް އައި ދުވަހުއްސުރެންހަމަ ހަނީ މޫން ދަތުރު އަޅަނީ.