ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން އިންޑިއާއަށް ދަތުރުކުރަމުން ދަނިކޮށް ހިފަހެއްޓި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު ޖެހުން މިއަދު 6 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

އަދީބުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ރޭ ކްރިމިނަލް ކޯޓަށް ގެންދިއުމުން މިނިވަންކޮށްފައި ވަނިކޮށް އަނެއްކާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނުއެވެ.

ދައުލަތުން ކޯޓުގައި އެދޭނީ އަދީބުގެ މުއްދަތު އިތުރުކޮށް މައްސަލަ ކުރިއަށްގެންދިއުމަށެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައި ވަނީ، ޖިނާއީ މައްސަލައެއްގައި ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް ރާއްޖެއިން ބޭރަށް ފިލައިގެން ދިޔަކަމަށް ބުނެއެވެ. ރޭ އަދީބު ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިޔައީވެސް މި ތުހުމަތުގައެވެ.

ނަމަވެސް އޭނާ ހައްޔަރު ކުރީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފަށް ކަމަށް ދައުލަތުންވެސް އެއްބަސްވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ރޭ ވަނީ އޭނާ މިނިވަން ކޮށްފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން މީހަކު ހައްޔަރު ކޮށްފިނަމަ އޭނާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ގާޒީއެއްގެ ކުރިމައްޗަށް ގެންނަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިސްބޮންގޮންގް

    އަދީބު ވެއްޖެއެއްނު ވަގު ފައިސާއިން މިލިއަނުން ނެގި މި ސަރުކާރުގެ ބޮޑުންގެ ނަމާ މަޖްލިސް މެމްބަރުންގެ ނަންތައް ހާމަ ކުރަން؟ ރައްޔިތުންނަށް އެގެންޖެހޭ އެބަ މި އެމްޑީޕީގެ ފެންވަރު! ހުސް ވަގުން! ރައީސް ޔާމިނަށް އެއްޗެތިގޮވަން ލަދުހަޔާތް ކޮބާ؟

    3
    1