މަސްވެރިކަމާގުޅޭ ތިން ގަރާރެއް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ފަސް ގަރާރުގެ ތެރެއިން މިއަދު ފާސްކޮށްފައިވާ ތިން ގަރާރަކީ ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހެޅުއްވި ގަރާރެވެ. މި ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

ދެވަނަ ގަރާރަކީ ތޮއްޑޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ރަށު ކައުންސިލާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓްރީ ގާއިމު ކުރުމުގެ ގަރާރެވެ. މި ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ.

ތިންވަނަ ގަރާރަކަށް މިއަދު މަޖިލީހުން ފާސްކޮށްފައިވާ ގަރާރަކީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި ގަރާރެވެ. އެގަރާރަކީ މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުތަކެއްގައި ކަންނެލި ޖަގަހަތަކެއް ނުވަތަ އޮފްޝޯ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމުގެ ގަރާރެވެ. މި ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ގަރާރުތަކުގެ އިތުރުންވެސް އިތުރުބދެ ގަރަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީންދަނީ ދިރާސާ ކުރަމުންނެވެ. ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ހުށަހެޅުއްވި އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން މަނާ ކުރުމުގެ ގަރާރާއި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ބޭރުގެ މަސް ބޯޓުފަހަރު ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓާލުމުގެ ގަރާރެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ މަސްވެރިކަމުގެ ބިލެއް ވެސް މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ. އެމްޑީޕީ މެމްބަރުން ވިދާޅުވެފައިވަނީ އެ ބިލު ގާނޫނަކަށް ވެގެން އަންނައިރު ހުށަހަޅާފައިވާ ގަރާރުތަކުގައިވާ ކަންކަން ހިމެނިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު