ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ތަސްދީގު ކުރެއްވި މި އިސްލާހާއެކު ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން އެ އަހަރަކު ޙައްޖަށް ދިޔުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ޢަދަދަށްވާ ފައިސާގެ 80 އިންސައްތަ ދޫކުރެވޭގޮތަށް ހަމަޖެހިގެންދާނެއެވެ.

ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

މީގެ އިތުރުން ރައީސް ސާލިހު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް 2 ވަނަ އިސްލާޙުގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލްވެސް ތަސްދީގު ކުރައްވާފައެވެ.

ރައީސް ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނަށް 2 ވަނަ އިސްލާހުގެނައުމުގެ ބިލުގައި އިސްލާހުކޮށްފައިވާ ބައިތަކުގެ ތެރޭގައި އިސްލާމީ ޔުނިވަރސިޓީގެ އިސް އޮފިސަރުންނާ ގުޅޭ މާއްދާއަކާއި ޗާންސެލަރ އާއި ވައިސް ޗާންސެލަރ އަދި ޑެޕިއުޓީ ވައިސް ޗާރސެލަރއާ ބެހޭ ބައެއް މާއްދާތައް ހިމެނެއެވެ.

އަދި ރައީސް ތަސްދީގު ކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގާނޫނަށް 2 ވަނަ އިސްލާހުގެނައުމުގެ ބިލުގައި އިސްލާހުކޮށްފައިވާ ބައިތަކުގެ ތެރޭގައި ޔުނިވަރސިޓީ ކައުންސިލުގެ މެންބަރުންނާ ގުޅޭގޮތުން ހުރި ބައެއް މާއްދާތަކަށް އިސްލާހު ގެނެސްފައިވެއެވެ.

މި ތިންބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ބިލުތައް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާފަ

    ޕެންޝަން ފަންޑުގައި -/900000ރުފިޔާ ހުންނަ މީހުންނަށް ދެވޭގޮތް ހެދި ނަމަ ވަރަށް ސަޅިވީސް. މީވެސް ވައުދެއް.

  2. ހިސެން

    ހައްޖައްދާމީހުން ދާނެ، އެކަމު ބޮޑެތި ވަގުންނާ ޑީލް ހަދައިގެން ޓަގުބޯޓުތައް ނުފުރުވަބަލަ. މިކަން މިއަދު ނޫނަސް ބަލާނެ، ބެލޭނެ. ެ

  3. ކެޔޮޅު

    ތިބިލް ތަސްދީގުކުރަން ކިތައް ބިލިއަން ހަރަދުވިބާ؟؟

    10
  4. ސައްފަތު

    ތިންލައްކައަށްވުރެ އިތުރަށް ނެތިއްޔާ ހައްޖަށް ނުދެވޭގޮތަށް އޮންނ އޮތުންވެސް އިސްލާޙުކުރަންޖެހޭ. އޭރުން ވައުދު ފުއްދުނުކަމަށް ވާނީ. އެކައުންޓްގައި ތިންލައްކަރުފިޔާ ހަމަނުވާތީ އަހަރުންވެސް މިހުރީ ތިކަމުން މަޙްރޫމްވެފައި. ދެލައްކައަށްވުރެ ގިނައިން އެބަހުރި. ދެން ކޮބާތޯ ވައުދު ފުއްދުމަކީ.

  5. ކިނިކްސް

    ރައީސެވެ. ގޯސް ނުހައްދަވާށެވެ. ޕެނަޝަން ފައިސާ ބަހައްޓާށެވެ. އިސް ރަށްވެހިންގެ ބުރަ އަންނަން އޮތް ޖީލުތަކަށް ނުޖައްސާށެވެ.