މާލޭގެ ގެއަކުން ދުން އަރާތީ ސިފައިން ހަރަކާތްތެރި ވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ އިބްރާހިމް އާޒިމް ވިދާޅުވީ،ގަލޮޅު މާޖެހިގެން ދުން އަރާ ކަމަށް ރިޕޯޓް ލިބިގެން ސިފައިންގެ ފަޔާ ޓީމް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެކަމުގެ ރިޕޯޓް ސިފައިންނަށް ލިބިފައި ވަނީ މިރޭ 20:47 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

ދުން އަރަމުންދާ އިމާރާތް - ވަގުތު އިމޭޖެސް: މުހައްމަދު އަފްޒަލް

އެ ސަރަހައްދުގައި ހުރި "ވަގުތު"ގެ ނޫސްވެރިއަކު ބުނީ، ދުން އެރީ އެގޭގެ ފަސް ވަނަ ފަންގިފިލާއިން ކަމަށެެވެ.

"ދުން އަރާ އެބަ ފުދޭ ވަރަކަށް އަލިފާނެއް ނުފެނޭ"ވަގުތުގެ ނޫސްވެރިޔާ ބުންޏެވެ.

އާޒިމް ވިދާޅުވީ، ރޯވެގެން ދުން އަރާފައި ވަނީ އެ ގޭގެ ފަސް ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައި އޮތް ގޮދަޑިއަކުން ކަމަށެވެ.

"ފަޔާ ޓީމުން ގޮސް ވަނީ ނިއްވާފާލައި، ދުން ބޯކަމުން ދުން ނެރުމަށް ފަޔާ ޓީމުން ދަނީ ހަރަކާތްތެރިވަމުން". އާޒިމް ވިދާޅުވިއެވެ.

ގޭތެރޭގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

އާޒިމް ވިދާޅުވީ، އިތުރު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއްކޮށްފައި ނުވާ ކަމަށެވެ. އެ ގޮދަޑީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ މިރޭ 21:01ގައެވެ.

އެ ސަރަހައްދުގައި އާއްމުންނަށް ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ގޮދަޑީގައި އަލިފާން ރޯވީ ކިހިނެއްކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.