އަންނަ ހަފްތާގައި ފެށޭ އަޟްހާ ޢީދުގައި އައްޑޫ ސިޓީގައި ފެންކުޅި ކުޅުން ހުއްދަ ސަރަހައްދުތައް އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ފެންކުޅި ކުޅުމަކީ ޢާންމުކޮށް އައްޑޫސިޓީގައި ކުރަމުންދާ ކަމެއް ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި ފެންކުޅި ކުޅުމުގެ ތެރޭގައި ނޭދެވޭ ބައެއް ކަންކަން ހިނގާފައިވާތީ، މި އަހަރުގެ އަޟްހާ ޢީދު ދުވަހުން ފެށިގެން، ޢީދު ބަންދު ތެރޭގައި އައްޑޫސިޓީގެ އަވަށްތަކުގައި ފެންކުޅި ކުޅުމަށް ސަރަޙައްދުތަކެއް ކަނޑައަޅައި، މިކަން ޢާންމުކޮށް އިޢުލާން ކުރާ ކަމަށެވެ.

ފެންކުޅި ކުޅުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ ހިތަދޫ ބަނދަރުމަތީގެ ފަތާ ސަރަޙައްދު، މަރަދޫ ކުޑަކުދިންގެ ޕާކް، މަރަދޫފޭދޫ ރަށިކެޑެ (ފެންތާގީ ސަރަޙައްދު)، ފޭދޫ ބަނދަރުގެ އުތުރުފަރާތު ފަސްގަނޑު، ހުޅުދޫ ބޮމާ ފަންނު ޕާކް ސަރަޙައްދު، ފެން ޕްލާންޓް އިރުމަތީ ޕާކް ސަރަހައްދު އަދި މީދޫ އީދި ގަމޫލު އެވެ.

މިތަންތަން ފިޔަވައި އައްޑޫސިޓީގެ އެހެންތަންތަނުގައި ފެންކުޅި ކުޅުމަކީ "ޢާންމު އުނދަގުލާއި ބެހޭ ޤަވާޢިދު" ގެ 3 ވަނަ މާއްދާގެ (ހ)، (ށ) އަދި އެ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މަނާކަމެއް ކަމުގައި ޢާންމުކޮށް އަންގާ އިޢުލާން ކުރާކަމަށް އައްޑޫ ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އެހެން ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް ގެންދަނީ ފެންކުޅި ކުޅުން ހުއްދަ ތަންތަނާއި ހުއްދަ ދުވަސްތައް އިއުލާންކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެއްސެއް

    ފެންކުޅި ލުމަކީ އިސްލާމްދީނާއި ބީރައްޓެހި ހިންދުއިޒަމުގެ ތެރެއިން ހިމެނޭކަމެކެވެ.އެއްވެސްހިސާބެއްގައި ތިފަދަކަންތައް ކުރުމައްހުއްދަދިނުމަކީ ދީނައް ޖަހާޖޯކަކަށް ނޫނީނުވާނެއެވެ.