ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ހުޅަނގުދެކުނު ސަރަހައްދުގައި ހަދާ އާ އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފިއެވެ.

މި އޭޕްރަންގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ ބޭނުންކުރަން ފަށާފައެވެ.

އެމްއޭސީއެލް އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހުޅަނގުދެކުނު ސަރަހައްދުގައި ހަދާ އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ފިޔަވަހި ނިމުމުން އެ އޭޕްރަންގެ ޖުމްލަ ބޮޑުމިނުގައި 67،000 އަކަމީޓަރު ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ފިޔަަވަހީގެ މަސައްކަތް ނިމޭނެ ވަކި ދުވަހެއް އެމްއޭސީއެލް އަކުން ބުނެފައެއް ނުވެއެވެ. މި އޭޕްރަންގައި ކޯޑު އީގެ ތިން މަތިންދާބޯޓު ނުވަތަ ކޯޑު ސީގެ ހަ މަތިންދާބޯޓު އެއްފަހަރާާ ޕާކު ކުރެވޭ ސްޓެންޑެއްގެ އިތުރުން ކޯޑު އީގެ މަތިންދާބޯޓެއް ޕާކު ކުރެވޭ ސްޓޭންޑަކާއި ކޯޑު ސީގެ މަތިންދާބޯޓެއް ޕާކު ކުރެވޭ ސްޓޭންޑެއް ހުންނާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް 800 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެއް ކުރިއަށް އެބަ ގެންދެއެވެ. މި ބިޔަ މަޝްރޫއުގެ ދަށުން 373 މިލިއަން ޑޮލަރު ހަރަދުކޮށްގެން އާ ރަންވޭއެއް އަޅާފައިވާއިރު، އާ ޕެސެންޖަރު ޓާމިނަލަކާއި ފިއުލް ފާމަކާއި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އެހެނިހެން ސަޕޯޓް ފެސިލިޓީތައްވެސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.