ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާން ކޮށްފި އެވެ.

ޕެންޝަން އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ސީއީއޯގެ މަގާމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފަ އެވެ. ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭރު މީހުންނަށްވެސް ކުރިމަތިލެވޭ ގޮތަށް ކަނޑައަޅާފައި މިވަނީ އެ އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެންނެވެ.

ޕެންޝަން އޮފީހުގެ އިއުލާނުގައި ވަނީ ސީއީއޯގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ކަމަށާއި ނަމަވެސް ޕަރފޯމަންސްއަށް ބަލައި މުއްދަތު އިތުރު ކުރެވޭނެ ކަމަށެވެ.

މިމަގާމުގެ މުސާރަ އާއި ޢިނާޔަތްތައް ކަނޑައަޅާނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާފައި ކަމަށް އިއުލާނުގައި ވެއެވެ.

މަގާމަށް ކުރިމަތިލުމުގެ ޝަރުތަކީ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމެވެ.

ޕެންޝަން އޮފީހަކީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ ގާނޫނީ ޝަޙްސެކެވެ. ޕެންޝަން އޮފީހުގެ މައިގަނޑު މަސައްކަތްތަކަކީ ޕެންޝަން ސްކީމްތައް ބެލެހެއްޓުމާއި ޕެންޝަން ޤާނޫނުގެދަށުން ޤާއިމުކުރެވޭ ސްކީމްތައް ހިންގުމާބެހޭ ގަވާއިދުތައް ހެދުމާއި އެކަމާބެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް ހެދުމާއި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ފައިސާ ދޫކުރުމާއި އަދި ޕެންޝަން ސްކީމްތަކާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމެވެ.

2009 ވަނަ އަހަރު ޕެންޝަން އޮފީސް އުފެދުނީއްސުރެ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދަވަނީ މުޙައްމަދު ޙުސައިން މަނިކެވެ. މަނިކު ޕެންޝަން އޮފީހާއި ގުޅިވަޑައިގަތުމުގެ ކުރީން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމް ގިނަދުވަސްތަކެއްވަންދެން ފުރުއްވާފައިވެއެވެ.

ކޯޕަރޭޓް ބިޒްނަސްގެ އެކިއެކި ރޮނގުން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް މަނިކު ވަނީ ތަޖުރިބާ ހޯއްދަވާފައިވެއެވެ. އަދި، އެމެރިކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ މަޤާމު ފުރުއްވުމުގެ އިތުރުން، ރާއްޖޭގެ ގިނަ ކުންފުނިތަކެއްގެ ބޯޑުމެމްބަރުކަންވެސް މަނިކު އަދާކުރައްވާފައިވެއެވެ. ތައުލީމީ ރޮނގުން، މަނިކު ވަނީ ލުބްނާނުގެ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ބެޗްލާރސް ޑިގްރީ ޙާޞިލް ކުރައްވާފައެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް ބޭރު މީހުންނަށް ކުރިމަތިލެވޭ ގޮތް ހަަދާފައި ވާއިރު ސަރުކާރު ހިއްސާވާ އެންމެ ވަރުގަދަ މާލީ އެއް އިދާރާ ކަމަށްވާ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ވެސް ޒަމާނުއްސުރެ އަދާކުރަމުން ގެންދަނީ ބޭރު މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޮލި މުލައް

    ސުބުޙާނަﷲ މި ވެރިކަން ނިމެންވާއިރަށް އަހަރެމެންގެ ފައިސާކޮޅު ގާދޫކޮލުން މިއޮށްގެން ބޭރުކޮށްލަނީ

  2. Anonymous

    ގައުމު ވިއްކާ ހުސްކުރަނީ އިންޑިޔާ މީހުނައް

  3. އަދާލަތު

    މަނިކަކީ ތިޔަކަހަލަ ތަނެއް ޙަވާލުކޮށްފައި ބަހައްޓަން ހެޔޮނުވާވަރުގެ އަނިޔާވެރި ބޭފުޅެއް. ޕެންޝަނަރުން ( ސްކީމްގެ ބައިވެރިން ) ޙައްޤުތަކާއި، އިޙުސާސްތަކަށް އިޙުތިރާމް ނުކުރައްވާ ބޭފުޅެއް. ތަފާތުކުރުން ބޮޑު ބޭފުޅެއް.

  4. މޯދީީ

    އިންޑިޔާމީހަކު ބޭންކް އޮފް މޯލްޑިވެސް ގެ ސީއޯ އަކަށް އަދި ޕެންޝަން އޮފީހަށް ލާން ބުއްޅަބޭ އޮތީ އެދިފަ، އެކަންތައް މިހާރު ނިމެމުން އެހެރަދަނީ! މިއަންނަ އަހަރު، ފިނޭންސް މިނިސްޓަރަކަށްވެސް އިންޑިޔާމީހަކު ލާނެ! އެއަރޕޯޓް ސީއޯ އަކަށް މިހާރު އިންޑިޔާމީހަކު ނަގާ ހަމަޖެހިފަ އޮތީ!

  5. ޖ

    ދިވެހިރާއްޖޭގެ ވެރިކަމައްވެސް ބޭރުމީހުންނައް ކުރިމަތިލެވޭގޮތްހަދާނެ

  6. ތަތިޝް

    ވއްކާކަނެތް ވިއްކާހުސް ކޮއްފި އަދި ދިވެހި ދަރިންވެސް ވިއްހުސްކުރާނެ ބޭރުމީހުން މިރާއްޖޭގަ ރައްވެހި ވާތަންވެސް މިހާރުބެސް ފެންނަ ކަހަލަ ހިތާމިހުރިކަމެއް