މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފިއެވެ.

ބަނގުރަލާއި އޫރުމަސް ނައްތާލާފައިވަނީ އިއްޔެގެ ވަގުތެއްގައި ކ. ތިލަަފުށީގެ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ވެސް ހާޒިރުގައެވެ.

އެ އިދާރާއިން އިއްޔެ ނައްތާލާފައި ވަނީ 13191.65 ކިލޯގެ އޫރުމަހެވެ. އަދި 1610.01 ލީޓަރުގެ ބަނގުރާ ނައްތާލާފައިވެއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ އެ ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލި ތަކެތި ކަމަށެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަހާއި ސިނގިރޭޓު ތިލަަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ވަނީ ނައްތާލާފައެވެ.