ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑްރިކާ މުގްރީނީ ރައްޔިތުންގެ މަޖިލީހުގައި ބުރާސްފަތި ދުވަހު ތަގްރީރު ކުރައްވާނެ ކަމަށް މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއީ އިޓަލީގެ ފޮރިން އެފެއާޒްގެ ގިނަ މަގާމުތަކެއް ފުރުއްވި މުގްރީނީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މަޖިލިހުގެ ޖަލްސާގައި މިއަދު ނަޝީދު ވިދާޅުވީ މުގްރީ ރާއްޖެ އަށް ކުރައްވާ ދަތުރުގައި ރާއްޖެ ވަޑައިގެން މަޖިލިހުގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާ ކަމަށެވެ.

"ވީހާ ވެސް ގިނަ ބޭފުޅުން ޖަލްސާ އަށް ވަޑައިގަތުމަކީ ވަރަށް އެދޭ ކަމެއް. މުގްރީނީ ތަގްރީރު ކުރައްވާ އިރު ރާއްޖޭގައި މަސައްކަތް ކުރައްވާ ޑިޕްލޮމެޓުންނާއި ޔޫރަޕްގެ އިއްތިހާދުގެ ވިޔަފާރި ކުންފުނިތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނަށާއި ރިސޯޓުގެ ވިޔަފާރީގައި އުޅުއްވާ ބޭފުޅުންނާއި ކަމާ ގުޅޭ އެހެން ވެސް ބޭފުޅުންނަށް ދައުވަތު ދިނުމަށް އަމީން އާންމު އަރިހުގައި ދަންނަވާފައިވާނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ރާއްޖޭގެ ގުޅުން އަންނަނީ ބަދަހިވަމުންނެވެ.

އީޔޫގެ ހާރިޖީ ގުޅުންތަކާއި ސަލާމަތާ ބެހޭ ވެރިއަކަށް މިހާރު ހުންނެވި މުގްރީނީ ކުރިން ވަނީ އިޓަލީގެ ފޮރިން މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ. އޭނާ ވަނީ އިޓަލީގެ ނޭޓޯގެ ލީޑަރު ކަމާއި އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރު ކަމާއި އީޔޫ ކައުންސިލްގެ މެމްބަރު ކަން ވެސް ކުރައްވައިފަ އެވެ.